ENGLISH
10 ސެޕްޓެމްބަރު 2025
ބީއެމްއެލްއިން އެސްޑީއެފްސީ ގަންނަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް: އެމްއެމްއޭ
23 ޖުލައި 2025
|
އެމްއެމްއޭއިން ބުނި ގޮތުން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ބީއެމްއެލްއިން ހިންގަނީ ގާނޫނުތަކާއި ގަވާއިދާ އެއްގޮތަށް، ފޮޓޯ: މިހާރު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަނީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.
މިފަދައިން އެމްއެމްއޭއިން ބުނީ އެސްޑީއެފްސީގައި އޮތް ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކައިލުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ބީއެމްއެލްއިން ހިންގަނީ ގަވާއިދާ ހިލާފަށް ކަމުގައި ބުނެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރާއި ބީއެމްއެލްއަށް އަމާޒުވަމުންދަނިކޮށެވެ.
ބީއެމްއެލްއިން އެ މުއާމަލާތް ހިންގަނީ ރާއްޖޭގެ ބޭންކިން ގާނޫނާ ހިލާފަށް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަައް ދޮގުކޮށް މަރުކަޒީ ބޭންކުން ބުނެފައިވަނީ އެ އޮތޯރިޓީއަށް އެ މުއާމަލާތާ ގުޅިގެން ލިބިފައިވާ މަައުލޫމާތުތަކަށް ބަލައި، އެ އޮތޯރިޓީގެ އާއްމު އުސޫލުތަކާ އެއްގޮތަށް އެ މުއާމަލާތް ހިންގުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަކުރޭތޯ އެމްއެމްއޭއިން ބަލަމުންދާ ކަމަށެވެ.
އަދި ބީއެމްއެލްއިން އެ އޮތޯރިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ބީއެމްއެލްއިން ހިންގަމުންދަނީ އެފަދަ މުއާމަލާތްތަކުގައި އަމަލުކުރުން ލާޒިމު ގާނޫނީ އިޖުރާއާތުތަކާ އުސޫލުތަކާ އެއްގޮތަށްކަން އެ ބޭންކުން އެމްއެމްއޭއަށް ޔަގީންކޮށްދީފައިވާކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
އަދި މިހާރު ގާނޫނުގައި ބަޔާންކުރާ މަރުހަލާތައް ފުރިހަމަކުރުމުގެ މަސައްކަތް ބީއެމްއެލްއިން ފަށާފައިވާކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
ވަޒީރުންގެ މަޖިލީހުން އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލްއަށް ވިއްކަން ނިންމެވީ، އެސް.ޑީ.އެފް.ސީގެ ޙިއްސާ ގަތުމުގެ ޝައުގުވެރިކަން ފައުޅުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ހުށަހަޅުއްވާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުދޫކުރެއްވުމަކީ ހުއްޓުމެއްނެތި އަބަދުވެސް ކުރިއަށް ގެންދެވުމަށް ސަރުކާރުން ބޭނުންފުޅުވާ ކަމަކަށް ވާތީ، އެސް.ޑީ.އެފް.ސީގެ ޙިއްސާ ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކައިލެއްވުމުން، އެ ބޭންކުގެ މާލީ ޤާބިލްކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދުވެސް ލޯނު ލިބެމުން ދާނެއެވެ.
އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅުއްވައިފައެވެ. އަދި ބިޒްނަސް ސްޓަރޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، އެސް.ޑީ.އެފް.ސީ ހިންގާނީ ޝަރީޢާގެ އުޞޫލުން މާލީ މުޢާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައެވެ. އަދި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގގެ ނިޒާމުގެ ތެރެއިންނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ދަށުން ހިނގަމުންދާއިރުވެސް، އެސް.ޑީ.އެފް.ސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށެވެ. އަދި މާލީ މުޢާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާޙައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށެވެ.