ENGLISH
10 ސެޕްޓެމްބަރު 2025
މިލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހަވާލުކޮށް، ފެށިގެންދާނެ: ރައީސް
23 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ނ. މިލަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލުކޮށް، ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިކަން އިޢްލާންކުރައްވާފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. މިލަދޫ އަށް ވަޑައިގެން މިއަދު މެންދުރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް މި އަހަރާއި، އަންނަ އަހަރުގެ ތެރޭގައި ބަހާލައިގެން ބިނާކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި އަހަރުގެ ތެރޭގައި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މިލަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަވާލުކޮށް، ފައްޓަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، މިލަދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތަކީ ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމެއް ކަމަށާއި، އޭގެއިތުރުން އައުޓްޑޯ ޖިމްގެ މަސައްކަތާއި، ފުޓްބޯޅަ ދަނޑުގެ ވަރަށް ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.
އަދި، މިހާރު ފުޓްބޯޅަ ދަނޑުގައި ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި، ލައިޓް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ގޮތަށް ކުޅިވަރުގެ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"އެހެންވީމާ، ޖުމްލަކޮށް ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް އޮތީ ހަމަ، މި ދެންނެވި ގޮތަށް ރަނގަޅަށް ކުރިއަށްދާގޮތަށް،" - ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަތަރު ދުވަހުގެ މުއްދަތަކަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެރަށްތަކުގައި ކުރިޔަށްހުރި ކުޅިވަރު މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ. އެގޮތުން، ހޭންޑްބޯޅަ އާއި ފުޓްސަލް ދަނޑު އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގޮތް ރައްޔިތުންނާ އަންނަނީ ހިއްސާކުރައްވަމުންނެވެ.
ސަރުކާރުގެ އަމާޒަކީ ދެ އަހަރުތެރޭ ފިޓްނަސް އެންޑް ރެކްރިއޭޝަންސެންޓަރުތަކާއި، އައުޓްޑޯ ޖިމްތައް މީހުން ދިރިއުޅޭ ރަށްތަކުގައިޤާއިމުކުރުމެވެ. އެ އަމާޒަށް ވާސިލްވުމަށް ގިނަ ރަށްތަކެއްގައި އެމަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މިހާރު ވަނީ ހަވާލުކޮށްފައެވެ.