ENGLISH
10 ސެޕްޓެމްބަރު 2025
މިލަދޫ މަގު ހެދުމާއި ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަސައްކަތް އަންނަ މަހު ފައްޓަވާނެ: ރައީސް
23 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
މިލަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. މިލަދޫ އަށް ވަޑައިގެން މިއަދު މެންދުރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މިލަދޫގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތުގެ ތެރެއިން އެންމެ އަވަހަށް މަސައްކަތް ޙަވާލުކުރެވޭނެ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ގިރާ ސަރަޙައްދުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތް ޙަވާލުކުރެއްވުމަށް ނިންމަވާފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތުގެ ސްކޯޕް، ކައުންސިލާއެކު ފައިނަލްކުރެވިގެންދާއިރު ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް މޫދަށް އެރެވޭނެ ސަރަޙައްދެއް ހެދޭގޮތަށް ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށެވެ.
މިލަދޫގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމޫހޫރިއްޔާ ވަނީ، ފެނުގެ ނިޒާމާއި ހެލްތު ސެންޓަރުގެ މަސައްކަތްތައް ނިމެމުންދާކަން ފާހަގަކުރައްވާފައެވެ. މިހާރު 16 ގަޑިއިރަށް ޚިދުމަތްދެމުން އަންނަ ހެލްތު ސެންޓަރަށް އިތުރު ނަރުހުން ބޭނުންވާކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވަނީ، އިތުރު ނަރުހުން ހޯއްދައިދެއްވާނެކަމުގެ ޔަޤީންކަން ވެސް ރައްޔިތުންނަށް ދެއްވާފައެވެ.
އަދި މިލަދޫގައި އަޅާ 50 ހައުސިންގ ޔުނިޓްގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި، ރައްޔިތުން ބޭނުންވަނީ އަމިއްލަ ގޯތީގައި ގެދޮރުއެޅުންތޯ، ނުވަތަ ވަކި ސަރަޙައްދެއްގައި ހައުސިންގ ޔުނިޓް އެޅުންތޯ ބައްލަވައި، ރައްޔިތުން ނިންމަވާ ގޮތަކަށް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ.