ENGLISH
10 ސެޕްޓެމްބަރު 2025
ނިޢުމާތުގެ މަޤާމުގެ މުއްދަތު ފަސް އަހަރު ދުވަހަށް އިތުރުކުރައްވައިފި
23 ޖުލައި 2025
|
ނިޢުމާތު ޝަފީޤު --
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި މާފަންނު މާފުށީގެ ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު 5 (ފަހެއް) އަހަރު ދުވަހަށް މިއަދު އިތުރުކުރައްވައިފި އެވެ.
ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމަށް ނިޢުމާތު ޝަފީގު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު 23 ޖުލައި 2020 ގައެވެ. އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ 5 އަހަރުގެ ދައުރަކަށެވެ. ނިޢުމާތުގެ މަޤާމުގެ މުއްދަތު، މި މަހުގެ 23 ވަނަ ދުވަހު ހަމަވާތީ، 5 އަހަރުގެ ދައުރެއް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ރިޕޯޓް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ނިޢުމާތުގެ މަޤާމުގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓު ދެއްވި 50 މެންބަރުންގެ އިއްތިފާޤުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ދަށުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު ފަސް އަހަރު ދުވަހަށް މިއަދު އިތުރުކުރައްވައިފި ކަމަށެވެ.
ނިޢުމާތު ޝަފީޤަކީ އިންޓަނޭޝަނަލް މާސްޓަރ އިން އަރލީ ޗައިލްޑްހުޑް ހާސިލުކުރައްވައި، އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލެންޑުން ބެޗެލަރ އޮފް އަރލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ މިނިވަން، މުސްޠަޤިއްލު އިދާރާއެކެވެ.