ENGLISH
02 އޯގަސްޓު 2025
ކުޑަފަރީން ފެނުނީ ނާތަޙުޒީބު ގޮތެއް ނެތް މަންޒަރެއް، ފިޔަވަޅު އަޅަން ޖެހޭ: ކުރީގެ މިނިސްޓަރު މުޢިއްޒު
23 ޖުލައި 2025
|
ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު މުޙައްމަދު މުޢިއްޒު ޢަދުނާނު -- ފޮޓޯ: މިހާރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ނ. ކުޑަފަރީއަށް ވަޑައިގަތުމުން އަންހެނަކު ނިކުމެ އެމަނިކުފާނަށް ހުތުރު ބަހުން ހަޅޭލަވާ ބޭއަދަބީ ކަންތައްތަކެއް ކުރެއްވި ކުރެއްވުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށާ ފެނުނީ ގޮތްނެތް މަންޒަރުތަކެއް ކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރު މުޙައްމަދު މުޢިއްޒު އަދުނާން ވިދާޅުވެއްޖެ އެވެ.
މުޢިއްޒު މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެެވެ.
ރައީސް, ކުޑަފަރީއަށް ވަޑައިގެންނެވީ އިއްޔެ އެވެ. އެމަނިކުފާނާއި އެކުގައި ވަޑައިގެންނެވި ވަފުދާއެކު ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެ ރަށުގެ އަންހެނަކު ވަނީ ރައީސަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުން އަޑުގަދަކޮށް ގޮވެލިތަކެއް ގޮވާފަ އެވެ. ދެ އަތް ތަޅަމުން އޭނާ ގެންދިޔައީ ރައީސަށް ރައީސަށް އެކި ތުހުމަތުތައްކޮށް ހުތުރު ބަސްތައް ރައްދު ކުރަމުންނެވެ. އެ އަންހެން މީހާގެ އެ ވާހަކަތައް ކުރިއަށް ގެންދަން ފުރުސަތު ދިނެވެ. އަދި ރައީސް ހިންގަވާފައި ވަޑައިގެންނެވީ އެވެ.
އެ މަންޒަރު ފެންނަ ވީޑިއޯ ވައިރަލްވެ ވަރަށް ގިނަ ބަޔަކު ދަނީ އެކަން ކުށްވެރި ކުރަމުންނެވެ.
އެ ވީޑިއޯގެ ސްކްރީންޝޮޓެއް ހިއްސާކޮށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ފަހުން ކުރެއްވި މުޢިއްޒު ވިދާޅުވީ ދިވެހި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއާ މުޚާޠަބުކޮށް އެމަނިކުފާނުގެ ކުރިފުޅުމަތީ އެފަދަ ކަމެއް އެއްގޮތަކަށްވެސް ހިންގިޔަދީގެން ނުވާނެ ކަމަށެވެ.
ކޮންމެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިޔަސް އެ މަޤާމު ރަމްޒުކޮށްދެނީ ދިވެހި ދައުލަތް ކަމަށާ އެއީ ދިވެހި ރައްޔިތުންނާއި މުޅި ޤައުމު ރަމްޒުކޮށްދެއްވާ ބޭފުޅެއް ކަމަށެވެ.
މިނިވަން ކަމަކީ ގޮތްނެތް ކަމެއް ނޫންކަން ފާހަގަ ކުރައްވާ މުޢިއްޒު ވިދާޅުވީ ޑިމޮކްރަސީ އަކީ ހިތުހުރިހާ ގޮތަކަށް އުޅުއްމެއް ވެސް ނޫން ކަމަށެވެ. އަދި ރައީސްގެ ނުވަތަ ސަރުކާރުގެ ސިޔާސަތުތަކަށް ނުވަތަ ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިޔާ ދެބަސް ވެވިދާނެކަން ފާހަގަ ކުރައްވާ އެކަންކަން ވެސް ކުރަން ޖެހޭނީ ވަކި ހަމަތަކަކާ ޙުދޫދެއްގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.
".. ކޮންމެ ކަމަކަށް ވެސް، ތަނަކާއި ވަގުތަކާއި ގޮތެއްވެ އެވެ. އެފަދަ ބޭއަދަބީ، ގޮތެއް ފޮތެއްނެތް ޢަމަލުތައް ކުރާ މީހުނާމެދު ފިޔަވަޅެއްް ނޭޅުމަކީ އޭގެ ނުރަނގަޅު އަސަރު މުޅި މުޖުތަމަޢަށްކޮށް އިޖުތިމާޢީ ފޭރާން އިތުރަށް ވީދޭނޭ ކަމެކެވެ. އަނެއްކާ ވެސް ދަންނަވާނީ މިފަދަ ކަމެއް ހިންގިޔަދީގެން ނުވާނެ ވާހަކައެވެ," މުޢިއްޒުގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.