ENGLISH
10 ސެޕްޓެމްބަރު 2025
ސޯލިހްގެ ޓީމު ބާކީކޮށް ނަޝީދާއި ފައްޔާޒު އިސްވެ ކެމްޕެއިން ފަށައިފި
23 ޖުލައި 2025
|
ފައްޔާޒާއި ނަޝީދު ރޭ ބޭއްވި ބައްދަލްވުން -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ހަރަކާތްތައް ހުއްޓި "ލޮނު މަޑުވެފައި" ވާ ކަމަށް ތުހުމަތުކޮށް ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލީޑާޝިޕްގައި މަސައްކަތްތަކެއް ފަށަން ނިންމާފައި ވަނިކޮށް ސޯލިހްގެ ޓީމު ބާކީކޮށް އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިސްވެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފަށައިފި އެވެ.
އެ ދެ ބޭފުޅުން އިސްވެ ރޭ ވަނީ އާންމު މެންބަރުންނާ އެކު ބައްދަލްވުމެއް ބާއްވާފަ އެވެ. އެ ބައްދަލްވުމާ އެކު ނަޝީދަށް ވަފާތެރި ސަޕޯޓަރުން ވަނީ ނަޝީދު އިސްވެ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ ޕޯސްޓް ކުރަން ފަށާފަ އެވެ.
އަދި ފައްޔާޒުގެ ވަފާތެރި ސަޕޯޓަރުން ވަނީ ފައްޔާޒުގެ ލީޑާޝިޕާއި އިސްނެންގެވުމާ އެކު ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާ ކަމަށް ބުނެ ޕޯސްޓްތައް ކޮށް ފައްޔާޒު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ރޭގެ ބައްދަލްވުމަށް ދަޢުވަތު ދިނީ ވެސް ފައްޔާޒުގެ ވަފާތެރި ސަޕޯޓަރުންނާއި ނަޝީދުގެ ވަފާތެރި ސަޕޯޓަރުންނަށެވެ. ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް ޝާހިދުގެ ސަޕޯޓަރުންނާއި އެ ދެ ބޭފުޅުން އަރިހުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ފައްޔާޒަށް އެމްޑީޕީ ނުހިންގޭ ކަމަށް ތުހުމަތުކޮށް ސޯލިހްގެ ފެކްޝަނުން ވަނީ މީގެ ކުރީން ބައްދަލްވުމެއް ބާއްވާފަ އެވެ. އެ ބައްދަލްވުމުގައި އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ސޯލިހްގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފަ އެވެ. އެ މަސައްކަތް "ފާޑަކަށް" ހުއްޓުނީ އެ ބައްދަލްވުމުގައި ސޯލިހްގެ ޅިޔަނު, އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯ ލީކުވެ ހޫނު ފެނަށް ވެއްޓުމުންނެވެ.
އެމްޑީޕީގައި މިވަގުތު އޮތީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ހޯދުމުގެ ވާދައެއްކަން ކަމަށް ބުނެ އެ ޕާޓީގެ ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.