ENGLISH
23 ޖުލައި 2025
މިލަދޫ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވައިފި
23 ޖުލައި 2025
|
މިލަދޫ ޕޮލިސް ސްޓޭޝަނުގެ ބިންގާ އެޅުއްވުން، ފޮޓޯ: ރައީސް އޮފީސް
ނ.މިލަދޫގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަނުގެ އިމާރާތުގެ ބިންގާ އަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު ނ.މިލަދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގައި އަޅާ އައު ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.
އޭނާގެ އަރިހުގައި މިލަދޫ ކައުންސިލުގެ ރައީސް އަދި އެ މަޝްރޫއު ކޮންޓްރެކްޓުކޮށްފައިވާ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ނަޖާހާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލު ނަވީން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒު ހާސިލުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ސަރުކާރު އެކި ކުންފުނިތަކާ ހަވާލުކޮށްގެން ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އެގޮތުން ސަރުކާރުންވަނީ 75 ރަށެއްގަައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން އެމްޓީސީސީއާ 15 ރަށެއްގައި ސްޓޭޝަންތައް އެޅުމަށް ވަނީ ހަވާލުކޮށްފައެވެ. އަދި އާރްޑީސީއާއި 20 ރަށެއްގެ ސްޓޭޝަން އެޅުމަށް ހަވާލުކޮށްފައިވާއިރު ފެނަކައާއި 40 ރަށެއްގެ ސްޓޭޝަން އެޅުމަށް ވަނީ ހަވާލުކޮށްފައެވެ.
މާފަރުގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ހިމެނެނީ މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނި ގޮތުގައި އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭ ރަށްތައް ފިޔަވައި، ފުލުހުންގެ ޚިދުމަތް ގާއިމުނުކުރެވިވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތަކާއެކު ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެން ދާނެއެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ، ޒަމާނީ މަރުކަޒުތައް ހުންނާނެ ކަމަށާއި، މިކަމުގެ ސަބަބުން ފުލުހުންގެ ބަޖެޓުގެ ރިކަރަންޓް ހަރަދު ކުޑަވެ، ހިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.