ENGLISH

23 ޖުލައި 2025

Advertisement

ޖުޑީޝަރީގެ ދިގު އުއްމީދެއް ނިމުމަކަށް؛ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ހުޅުވަނީ

23 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ހުޅުމާލޭގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް، ފޮޓޯ: އެޗްޑީސީ

ޑްރަގު ކޯޓާއި ކްރިމިނަލް ކޯޓު ހިންގާ އައު އިމާރާތުގެ މަސައްކަތް މިހާރު ނިމުމަކާ ގާތަަށް އައިސްފައިވާއިރު އަންނަ އާދީއްތަދުވަހު އެ އިމާރާތް ހުޅުވުމަށް މަސައްކަތްކުރަމުން އަންނަކަމަށް ޑިޕާޓްމެންޓު އޮފް ޖުޑީޝަކލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)އިން ބުނެފިއެވެ. 

މި އިމާރާތް ގާއިމުކޮށްފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ޓްރީ ޓޮޕް ހޮސްޕިޓާ ކުރިމަތީ ހުންނަ، ކުރިން ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތުގައެވެ. "ޖަސްޓިސް ބިލްޑިން އެނެކްސް"ގެ ނަމުގައި އެ އިމާރާތް ހުޅުވަން ތައްޔާރުވަމުންދާއިރު، އެ އިމާރާތުގެ މަސައްކަތްކުރީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިންނެވެ. 

އެޗްޑީސީންވަނީ މި މަހު އެ އިމާރާތުގެ ބައެއް ފޮޓޯތައް އާއްމުކޮށްފަައެވެ. އެ ފޮޓޯތަކަށް ބަލާއިރު މި މަޝްރޫއުގެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރިއަށްގޮސް ނިމުމަކާ ކައިރިވެފައިވާކަން އެނގެއެވެ. 

ޑީޖޭއޭއިން މިއަދު މަައުލޫމާތު ދިން ގޮތުގައި އެ އިދާރާއިން މަސައްކަތްކުރަމުން އަންނަނީ ކްރިމިނަލް ކޯޓާއި ޑީޖީއޭގެ އައު އިމާރާތް އަންނަ އާދީއްތަދުވަހު ހުޅުވުމަށެވެ. އެއާއެކު ދެ ކޯޓުގެ ހިންގުން އެއްކޮށް އައު އިމާރާތަށް ބަދަލުކުރާނެއެވެ. 

މި އިމާރާތުގައި ކްރިމިނަލް ކޯޓުގެ 11 ސެކްޝަނަށް 10 ކޯޓު ރޫމު ހުންނާނެއެވެ. އަދި ޑްރަގް ކޯޓުގެ ބޭނުންތަކަށް ފަސް ކޯޓު ރޫމު ހުންނާނެއެވެ. 

މި ކޯޓު ހުޅުވުމާއެކު ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ޖިނާއީ މައްސަލަތައް ދިގުލައިގެން ދިއުމުގެ މައްސަލައަށް ހައްލެއް ލިބޭނެއެވެ. މި މަޝްރޫއަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިސްކަންދެއްވައިގެން ހިންގެވި މަަޝްރޫއެކެވެ. 

ކިޔުންތެރިންގެ ހިޔާލު