ENGLISH
23 ޖުލައި 2025
ރަށްރަށުގެ ވިޔަފާރިތަކުން ކަރަންޓާއި ފެނަށް ބޮޑު އަގު ދައްކަންޖެހޭ މައްސަލައިގައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
23 ޖުލައި 2025
|
ރަށްރަށުގެ ވިޔަފާރިތަކުން ކަރަންޓާއި ފެނަށް ބޮޑު އަގެއް ދައްކަންޖެހޭ މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ސާފުކުރަން ގަރާރެއް ހުށަހަޅައިފިއެވެ.
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި މި ގަރާރުގައި، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަރަންޓާއި ފެނަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުކަމަށް ފާހަގަކޮށްފައިވެއެވެ.
ގަރާރުގައި ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މާލެއާއި އަތޮޅުތެރޭގައި ހުރި ފަރަގުތައް ފާހަގަކޮށްފައިވެއެވެ. މިގޮތުން، ފެނުގެ ޚިދުމަތް ގުޅައިދިނުމުގައި އަތޮޅުތެރޭގައި މާލެއަށް ވުރެ 57 ޕަސެންޓު ބޮޑުކޮށް އަގު ނަގާކަމަށާއި، ފެން މީޓަރު ރީލޮކޭޓްކުރުމުގައި 159 ޕަސެންޓު ބޮޑުކޮށް އަގު ނަގާކަން ފާހަގަކޮށްފައިވެއެވެ.
އަދި ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލާއިރު، 301 ޔުނިޓުން 500 ޔުނިޓާ ހަމައަށް އަތޮޅުތެރޭގައި މާލެއަށް ވުރެ 64 ޕަސެންޓު ބޮޑުކޮށް އަގު ނަގާކަންވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މި ގަރާރުގެ މަޤްޞަދަކީ އަތޮޅުތެރޭގެ ވިޔަފާރިތަކަށް ދިމާވެފައިވާ މި ދަތިތަކަށް ޙައްލެއް ހޯދުމަށް މަޖިލިސް މެންބަރުންގެ ޚިޔާލު ހޯދުމެވެ.