ENGLISH
10 ސެޕްޓެމްބަރު 2025
ފޮއްދޫ ރައްޔިތުން 40 އަހަރު ވަންދެން ބަނދަރަކަށް ކުރި އުއްމީދު އެންމެ ފަހުން ޙަޤީގަތަކަށް
23 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ފޮއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އާބާދީގައި 503 މީހުން ދިރިއުޅޭ ނ. އަތޮޅު ފޮއްދޫއަކީ ލަފާފުރުމުގެ ދަތިކަން ރާއްޖޭގައި އެންމެ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ރަށެވެ. އެރަށުގައި ބަނދަރެއް ތަރައްޤީކުރުމުގެ އުއްމީދު ރައްޔިތުން ދެކޭތާ 40 އަހަރު ވަނީ ވެފައެވެ. ބަނދަރެއް ނެތުމާއެކު އެރަށު ރައްޔިތުން ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ހޯދުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން، އެރަށުގައި ބަނދަރެއް ތަރައްޤީކުރުމުގެ ހުވަފެނަކީ ރަށު ރައްޔިތުންގެ އެންމެ ބޮޑު އުއްމީދެވެ. އެ އުއްމީދު ޙަޤީގަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު އެވަނީ ފޮއްދޫގައި ތަރައްޤީކުރާ ބަނދަރުގެ ޢަމަލީ މަސައްކަތް ފައްޓަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފޮއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ފޮއްދޫގައި ސަރުކާރުން ފެށި ތަރައްޤީގެ ހަތަރު މަޝްރޫޢުގެ ތެރެއިން އެމަނިކުފާނަށް އެންމެ މުހިއްމު މަޝްރުޢަކީ ފޮއްދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކަމަށެވެ. އަދި، ފޮއްދޫ ރައްޔިތުން 40 އަހަރު ވަންދެން ކުރި އުއްމީދުގެ ޢަމަލީ މަސައްކަތް ފަށައި އެ މަސައްކަތް ނިންމަވާލައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އެރަށު ރައްޔިތުންނަށް ދެއްވިއެވެ.
""ތިބޭފުޅުން އެދިލެއްވި އެންމެ މުހިއްމު ކަންތައް އަދި އަޅުގަނޑު ވައުދުވި އެންމެ މުހިއްމު ވައުދު އިރާދަކުރެއްވިތީ ފުއްދަން އަމަލީ ގޮތުން މި ފެށުނީ. މިއަދު މި ފެށުނު މަޝްރޫޢު އަޅުގަނޑުމެން ވަރަށް ބާރުމިނުގައި ކުރިއަށްގެންގޮސް ނިންމައިދޭނަން. އޭގެ ސަބަބުން އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް މިދިޔަ ހުރިހާ ދުވަހެއްގަ. 40 އަހަރޭ ވިދާޅުވި. ވީ ޒަމާނެއްގަ ތިބޭފުޅުންނަށް ވަރަށް ހިތާމަވެރި ހާދިސާތައް ވެސް ދިމާވެފަ އެބަހުރި މިރަށުގަ. އެ ހުރިހާ އިރާދަކުރެއްވިއްޔާ މާޒީއަށް ދާނެ"" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދީ ތަރައްޤީއާއި ފަރުދީ ކުރިއެރުން ހޯދުމުގައި ވެސް ފޮއްދޫއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ބަނދަރެއް ނެތުން ކަމަށެވެ.
ފޮއްދޫގައި ތަރައްޤީކުރާ ބަނދަރުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. އެ މަސައްކަތްކުރަނީ ދައުލަތުގެ ބަޖެޓުން 49.77 މިލިއަން ޚަރަދުކޮށްގެންނެވެ.
ފޮއްދޫގައި ސަރުކާރުން ތަރައްޤީކުރާ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ އާބާދީއަށް ނުބަލައި ޚިދުމަތްތައް އެއްހަމައެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުން ކަމަށެވެ. ފޮއްދޫގައި ފެށި މަޝްރޫޢުތަކަކީ އެ ސިޔާސަތުގެ ދަށުން ފެއްޓެވި މަސައްކަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން ފޮއްދޫގެ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުމާއި، 18 އެނދުގެ ޞިއްޙީ މަރުކަޒު އިމާރާތްކުރުމުގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.
ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެރަށުގައި ތަރައްޤީކުރާ ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ނިމެންދެން މިިހާރު ހުރި ޚިދުމަތްތައް ފުޅާކުރައްވާނެކަމަށެވެ. އެގޮތުން އެރަށުގެ ލެބޯޓްރީގެ ޚިދުމަތް ރަނގަޅުކުރުމަށާއި، ފެންވަރު ރަނގަޅު ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް ޞިއްޙަތާ ބެހޭ ވުޒާރާއަށް ދަންނަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫޢުތައް ޢަމަލީގޮތުން ފެށުމުގެ އިތުރުން، ފޮއްދޫ ކައިރީގައި އޮންނަ ފޮއްދިއްޕަރު ފަޅުން ކައުންސިލަށް ނަފާ ލިބުމުގެ ކަންކަން ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އެމަސައްކަތް ގުޅުންހުރި އިދާރާތަކާއެކު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.