ENGLISH
10 ސެޕްޓެމްބަރު 2025
ފޮއްދޫގެ ފުލުހުންގެ މަރުކަޒު، ބަނދަރު، އަދި ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި
23 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ފޮއްދޫއަށް ވަޑައިގަތުމުން މަރުޙަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ފޮއްދޫއަށް ވަޑައިގެން ތަރައްޤީގެ ހަތަރު މަޝްރޫޢެއް ފައްޓަވައިދެއްވައިފިއެވެ.
އާބާދީގައި 500 މީހުން ދިރިއުޅޭ ފޮއްދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަތީ ނ. ފޮއްދޫގައި ޤާއިމުކުރާ ފުުލުހުންގެ މަރުކަޒުގެ ބިންގާ އެޅުއްވުމާއި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައެވެ. ފޮއްދޫގައި ބިނާކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވައި އަމަލީ މަސައްކަތް ފައްޓަވަިއދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާންއެވެ. ވަޒީރުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ފޮއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.
ޒުވާނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ދުޅަހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮއްދޫއަށް ކުރިމަތިވެފައިވާ އަރައިފޭބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވައިފައެވެ.
މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަރިހުގައި ވަޑައިގެންނެވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓަޔާޑް އަޙްމަދު ސަޢުދީ ބައިވެރިވަޑައިގެންނެވިއެވެ. ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
ފޮއްދޫއަށް އަރައި ފޭބުމަށް އެރަށުގައި ބޭނުންކުރަމުން އަންނަނީ ޖެޓީއެކެވެ. އެހެންވެ، އެރަށަށް ބަނދަރެއް ބޭނުންވެ އެކަމަށް ރައްޔިތުން ސަރުކާރުތަކުގައި އެދޭތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. ފޮއްދޫގައި ތަރައްޤީކުރެވޭ ބަނދަރާއެކު އެރަށު ރައްޔިތުން މިދިޔަ ދިގު މާޒީގައި އުފުލަމުން ދިޔަ ތަކުލީފަށް ނިމުން އަންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި މިއަދު ވަނީ ފޮއްދޫ ސިއްޙީ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވެސް ބައިިވެރިވެވަޑައިގެންފައެވެ. ޞިއްޙީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އެވެ.
ފޮއްދޫގައި އަލަށް އިމާރާތްކުރާ ޞިއްޙީ މަރުކަޒުގެ މަސައްކަތް ޙަވާލުކުރީ އެމްޓީސީީސީއާއެވެ. އެރަށުގައި ތަރައްޤީކުރަނީ 18 އެނދުގެ ޞިއްޙި މަރުކަޒެކެވެ. ޞިއްޙީ މަރުކަޒުގެ ތަރައްޤީ ކުރާނީ އެހެނިހެން މުހިއްމު ވަޞީލަތްތަކާއެކުއެވެ.
ތަރައްޤީގެ ހަތަރު މަޝްރޫޢު ފެއްޓެވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮއްދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.