ENGLISH
23 ޖުލައި 2025
ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް ހަޅޭއްލަވާ ފުރައްސާރަ ކުރުމަކީ ޚިޔާލުފާޅު ކުރުމެއް ނޫން: އުމަރު
22 ޖުލައި 2025
|
އުމަރު ނަސީރު
ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް ހަޅޭއްލަވާ ފުރައްސާރަ ކުރުމަކީ ޚިޔާލުފާޅު ކުރުމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. އުމަރު މިފަދަ ޕޯސްޓެއް މި ކުރެއްވީ ނ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.ކުޑަފަރިއަށް ވަޑައިގެން އެމަނިކުފާނު ރަށުގައި ހިންގަވާފައި ވަޑައިގެންނެވިއިރު، އަންހެނަކު ނުކުމެ އަޑުގެ ނެތްކޮޅަށް އެމަނިކުފާނަށް ވަރަށް ހުތުރު ބަހުން މައްލަވަކޮށް ބަސްތައް އަމާޒު ކޮށްފައި ވަނިކޮށެވެ.
އުމަރު ވިދާޅުވީ އާންމު ތަންތަނުގައި އެއްވެސް މީހަކާ ދިމާއަށް، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް ހަޅޭއްލަވާ ފުރައްސާރަ ކުރުމަކީ ނިމުމަކަށް އަންނަން ވެއްޖެކަމެއް ކަމަަށެވެ.
“މިއީ ޚިޔާލުފާޅުކުރުމެއް ނޫން. މިއީ ފުރައްސާރަކުރުން. އަޅުގަޑުމެންގެ ތެރޭ އަޚުލާގެއް އޮންނަންވާނެ،” އުމަރު ވިދާޅުވި އެވެ.
ނ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.ކުޑަފަރިއަށް ވަޑައިގެން ރައީސް މުއިއްޒު ރަށުގައި ހިންގަވާފައި ވަޑައިގެންނެވިއިރު، އަންހެނަކު ނުކުމެ އަޑުގެ ނެތްކޮޅަށް އެމަނިކުފާނަށް އެތިވަރު ގޮވި ނަމަވެސް އެކަން ހުއްޓުވަން އެއްވެސް ކަމެއް ނުކުރައްވަ އެވެ.
ފާޑުކިޔުމާއި އާޑަފުރައްސާރައިގެ ތަފާތު ދިވެހިންނަށް ރަނގަޅަށް އަދިވެސް ދަސްނުވާތީ އެ މީހާ ގޮވި ފަތިވަރަކީ މުޅިންހެން އާޑަފުރައްސާރައެވެ. ގައުމުގެ ރައީސަށް ދޭންވާ އިހުތިރާމު ދިނުމެއް ނެތި ހަށިގަނޑުން ޖެއްސުނުހައި ވައްތަރެއް ޖައްސަމުން އަޑުގެ ނެތްކޮޅަށް އެގޮވިހައި ތަކެއްޗެއް ގޮވީ ސީދާ ރައީސްގެ ކުރިފުޅުމަތީއެވެ. އޭނާ ކިޔާނެ އެއްޗެއް ކިޔަން ހުއްޓައި ކައިރިން ރައީސާއި އެމަނިކުފާނުގެ އަރިހުގައި ދަތުރުކުރައްވާ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވަޑައިގަތީއެވެ.
އަރިހުގައި ފުލުހުން ތިއްބެވި ނަމަވެސް އަންހެން މީހާ ހުއްޓުވަން ބާރުގެ ބޭނުމެއް ނުކުރެ އެވެ.