ENGLISH
10 ސެޕްޓެމްބަރު 2025
ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ރައީސް އަންގަވައިފި
22 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެކަން ޢިއުލާނު ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި، މި އަހަރު ކުރިމަތިލީ މީހުންގެ ވަގުތީ ނަތީޖާ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ވަނީ އިއުލާނު ކޮށްފަ އެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ބުނީ މި އަހަރު ހުޅުވާލި ފުރުސަތަށް ވަރަށް ގިނަ ބަޔަކު ކުރިމަތިލާފައިވާ ކަމަށެވެ. އެ ގޮތުން ހުޅުވާލީ ލޯނު ފުރުސަތުގެ 500 ޖާގައަށް 1338 މީހަކު ވަނީ ކުރިމަތިލާފަ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ލޯނަށް ޝަރުތު ހަމަވަނީ 806 މީހެކެވެ.
ރައީސްގެ ޕޯސްޓްގައި ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި، މި އަހަރު ކުރިމަތިލީ މީހުންގެ ވަގުތީ ނަތީޖާ އެ މިނިސްޓްރީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށާ ލޯނަށް ޝަރުތުހަމަނުވާ މީހުންނަށް އެކަމުގެ ސަބަބު ވެސް ފެންނާނެ ހެން އާންމުކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ވަގުތީ ނަތީޖާއާމެދު ޝަކުވާއެއް އޮތްނަމަ ހުށައެޅޭނެ ކަމަށާ އެ ފުރުސަތު އޮތީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.