ENGLISH
10 ސެޕްޓެމްބަރު 2025
ސިޔާސީ ގޮތުން ހިޔާލުތަފާތުވިޔަސް ޚިދުމަތް ދިނުމުގައި ސަރުކާރު ހުރަހަކަށް ނުވާނެ: ރައީސް
22 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޑަފަރީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ސިޔާސީ ގޮތުން ހިޔާލުތަފާތުވިޔަސް، ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު އެއްވެސް ހުރަހަކަށް ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ މިފަދައިން ވިދާޅުވީ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ކުޑަފަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ، ސިޔާސީ ގޮތުން ހުންނަ ހިޔާލުތަފާތުވުންތަކުގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ހުރަހަކަށް ނުވުން ކަމަށެވެ.
""އެއްވެސް ރަށެއްގައި އޮންނަ ކައުންސިލެއް ނުވަތަ އެހެން ބަޔަކު ވިޔަސް ހިޔާލުތަފާތުވެގެން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރަށް އެއްވެސް ކަމެއްގަ އެއްބާރުލުން ނުދިނުމަކީ ނުވަތަ ލަސްތައް ކުރިމަތިކުރުމަކީ، ހުރަސް ކުރިމަތިކުރުމަކީ އަޅުގަނޑުމެން އެކަމަކާ މާބޮޑަށް ކަންބޮޑުވާ ކަމަކަށް ނުވާނެ. އަޅުގަނޑުމެންނަށް މުހިއްމީ ސީދާ ރައްޔިތުންނާ ގާތަށް އައިސް ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައިގެން ރައްޔިތުންނަށް ކަންކަން ކޮށްދިނުން" " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރިއަށްގެންދަވަން ބޭނުންފުޅުވާތީ ކަމަށެވެ. ބައެއް ފަހަރު ރައްޔިތުންގެ އިންތިހާބުކޮށްފައިވާ މީހުންގެ ތެރޭގައި ސަރުކާރާ ހިޔާލުތަފާތު މީހުން ހިމެނޭ ކަމަށާއި، އެބައެއްގެ ހިޔާލުތަފާތުވުން ދޫކޮށްލާފައި އެމަނިކުފާނު ވަޑައިގަންނަވާނީ ރައްޔިތުންނާއި އެކީގައި ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކުޑަފަރީގެ ތަރައްޤީގެ މަޝްރޫޢުތައް ވެސް ކުރިއަށްގެންދަވާނީ އެ ސިޔާސަތުގެ ދަށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޑަފަރީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވާފައެވެ. އަދި، ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުޑަފަރީގައި ތަރައްޤީކުރާ ސްކޫލް އިމާރާތުގެ މަސައްކަތް ނިމެން ކައިރިވެފައިވާކަމަށާއި، ދާއިމީ ގޮތެއްގައި އޭލެވެލް ކިޔަވައިދިނުމަށްޓަކައި ސައިންސް ލެބަކާ އެކީ އިތުރު 6 ކްލާސްރޫމް އަޅައިދެއްވާނެ ކަމަށެވެ. އެމަސައްކަތް ކުރައްވާނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ކުޑަފަރި ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.