ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ކުޑަފަރީ ކުނި މެނޭޖުކުރާ ސެންޓަރުގެ ބިންގާ އަޅުއްވައިފި

22 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ކުޑަފަރީ ކުނި މެނޭޖުކުރުމުގެ މަޝްރޫއު، ފޮޓޯ: ރައީސް އޮފީސް

ނ.އަތޮޅު ކުޑަފަރީގައި ކުނި މެނޭޖުކުރާ މަރުކަޒެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިފިއެވެ. 

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުޑަފަރިއަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. 

މި މަޝްރޫއަކީ 75 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތައް ގާއިމުކޮށް، އަޕްގްރޭޑުކުރުމަށް ސަރުކާރުން ރާވާފައިވާ ބިޔަ މަޝްރޫއުގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއު ފެށުމަށް މިއދު ކުޑަފަރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ. އޭނާ އަރިހުގައި އެ ދާއިރާގެ މަޖިލިސް މެންބަރު އަފޫ ހާމިދުވެސް ބައިވެރިވެވަޑައިގަތެވެ. 

މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. 

ގިނަ އަދަދެއްގެ ރަށްތަކުގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަޝަރޫއު ހިންގަނީ ދައުލަތުގެ ކުންފުނިތަކާ މަސައްކަަތް ހަވާލުކޮށްގެންނެވެ. އެގޮތުން 75 ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އާރްޑީސީއާއި ފެނަކައާއެވެ. އަދި އިތުރު 34 ރަށެއްގައި ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައިވެއެވެ. 

ކުޑަފަރީގެ ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ކޮންޓްރެކްޓުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަަނާއެވެ. 

ރައީސް ނ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެކި ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ގެންދަވަނީ އިފުތިތާހުކޮށްދެއްވަމުންނެވެ. އަދި ބައެއް ރަށްރަށުގައި ނިމިފައިވާ މަޝްރޫއުތައް އެމަނިކުފާނުވަނީ އިފުތިތާހުކޮށްދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު