ENGLISH
10 ސެޕްޓެމްބަރު 2025
ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު، ހާޒިރުނުވާތީ އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
22 ޖުލައި 2025
|
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަން ބޯޑު، ފޮޓޯ: މިހާރު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާ ގުޅުވައިގެން އެމްޑީޕީ އެކްޓިވިސްޓަކު އެ ޕާޓީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް އެ ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށްފަހު އެ މައްސަލައިގެ އަޑުއެހުންތަކަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ހާޒިރުނުވާތީ އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
އެމްޑީޕީން ފާއިތުވި މާޗު މަހުގައި ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އެއްވުމެއްގައި ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން މަންދީގެ އިތުރަށް އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަންގެ މައްޗަށް ސާޖިދާ އުފުއްލެވި ދައުވާ ކޯޓަށް ބަލައިނުގަނެވޭނެކަމަށް އެމްޑީޕީން ކޯޓުގައި ބުނެފައިވެއެވެ.
ނަމަވެސް އެއިރު ސިވިލް ކޯޓުން ނިންމީ އެ މައްސަލަ އެކޯޓަށް ބަލައިގަނެވޭނެ ކަމަށެވެ. އަދި އެ މައްސަލަ ބެލުމުގެ އިހުތިސާސު އެކޯޓަށް ލިބިފައިވާކަމަށެވެ. ކޯޓުގެ އެ ނިންމުން އެމްޑީޕީއާއި ފައްޔާޒުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތަކަށް ޕާޓީއާއި ފައްޔާޒުގެ ވަކީލުން ހާޒިރުވެވަޑައިގެންފައިނުވެއެވެ.
މިއަދު އޮތް އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔޒާު ވިދާޅުވީ ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާއި އެމްޑީއާއި މަންދީ އަދި ފައްޔާޒުގެ ފަރާތްޕުޅުން ހަވާލުވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެ އަމުރުތަކުގައި ބުނެފައިވާ ތާރީހުތަކަށް އެ ބޭފުޅުންގެ ވަކީލުން ވަޑައިގެންފައިނުވާ ކަމަށެވެ.
އިތުރަށް ނިޔާޒު ވިދާޅުވީ ވަކީލުންނަށް ވަގުތަށް ހާޒިރުވެވަޑައިނުގެންނެވޭ ސަބަބު ކޯޓަށް އަންގަވާފައިވެސް ނުވާ ކަމަށެވެ. އަދި އެގޮތަށް ވަކީލުން ހާޒިރުވެވަޑައިނުގަންނަވާތީ މައްސަލަ ބާތިލުކުރަން ފެނިވަޑައިގަންނަވާކަމަށް ނިޔާޒުގެ ރައުޔާގައި ބަޔާންކުރެއްވިއެވެ.
ތިން ފަނޑިޔާރުންގެ މަޖިލީހަކުން ބެލި މައްސަލައިގަ ފަނޑިޔާރު ހުސައިން މަޒީދުވަނީ ފަނޑިޔާރު ނިޔާޒުގެ ރައުޔަައަށް ތާއީދުކުރައްވާފައެވެ. އެހެންކަމުން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ އެމްޑީޕީއާއި ފައްޔާޒު އަދި މަންދީގެ ފަރާތްޕުޅުން ހުށަހެޅި އިސްތިއުނާފީ މައްސަލަ ބާތިލުކުރެއްވުމަށެވެ.
މި މައްސަލާގައި ސިވިލް ކޯޓުން ފާއިތުވި އާދީއްތަދުވަހު ހުކުމްކޮށްފައިވަނީ މަންދީގެ ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލުންގެ އަނބުރާއި ނަން ހިމާޔަތްކުރުމުގެ ހައްގު ނިގުޅައިގަނެވިފައިވާ ކަމަށެވެ. އަދި ސާޖިދާ އެދިވަޑައިގެންނެވި ގޮތަށް ބަދަލު ހޯއްދެވުމަށް ދައުވާކުރެއްވުމުގެ ހައްގު އޮންނާނެކަމަށްވެސް ކަނޑައަޅާފައިވެއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ސާޖިދާ ފާހަގަކުރެއްވީ ސިޔާސީ ވާދަވެރިކަމުގައި މައުސޫމު ތުއްތުކުދިންގެ އަނބުރާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރުން ހުއްޓުވުމެވެ. އަދި މިއަދު އެކަމަނާގެ ބޭފުޅުން ތިއްބެވި މަގާމުގައި މާދަމާ ތިބޭނެ ތުއްތު ކުދިންގެ ހައްގުތައް ހިމާޔަތްކުރެއްވުމެވެ.