ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ވަކި ޕްރޮގްރާމެއްގެ ދަށުން މުޅި ރާއްޖޭގައި ހޭންޑްބޯޅަ ކޯޓުތައް ތަރައްޤީކުރަނީ

22 ޖުލައި 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ލަންދޫއަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މަގުބޫލުވަމުން އަންނަ ކުޅިވަރު، ހޭންޑްބޯޅަ ކޯޓުތައް ތަރައްގީކުރުމުގެ ވަކި ޕްރޮގްރާމެއް އަންނަ އަހަރު ރަށްތަކުގައި ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވީ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ނ. ލަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސަރުކާރުން ލަންދޫގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ އަދާހަމަ ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންނަ އަހަރު ސަރުކާރުން އާ މަޝްރޫޢެއްގެ ގޮތުގައި ފަށާ ހޭންޑްބޯޅަ ކޯޓުތައް އެޅުމުގެ މަޝްރޫޢުގެ ދަށުން ލަންދޫގައި ވެސް ހޭންޑްބޯޅަ ކޯޓެއް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހޭންޑްބޯޅައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި ކުޅެމުން އަންނަ ކުޅިވަރެއް ކަމަށާއި، ހޭންޑްބޯޅަ ކުރިއަރުވަން ވަކި މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން މިހާރު ކަނޑައަޅާފައިވާކަމަށެވެ.

"ވަރަށް ގިނަ ރަށްތަކުގައި ހޭންޑްބޯލް ކުޅުމަށް ބޭނުންވާތީ އަދި އަޅުގަނޑުމެން ކުރިއަރުވަން ބޭނުންވާ ކުޅިވަރަކަށް ކަނޑައަޅާފައިވާ މަޝްރޫއެއް ގޮތުގައި ވާތީ މި މަޝްރޫއަކީ ވަރަށް ގިނަ ރަށްތަކުގައި ހިންގަން ޖެހޭ މަޝްރޫއެއް ވީމަ، މިއަންނަ އަހަރަށް އަޅުގަނޑުމެން ހަދާ ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭންބޯޅަ ކޯޓު ހަދަންޖެހޭ ރަށްރަށުގައި ހޭންޑްބޯޅަ ކޯޓު ހެދުމުގެ ވަކި ޕްރޮގްރާމެއް ކަނޑައަޅައި، އަލަށް ފަށާ މަޝްރޫއުތަކުގެ ލިސްޓަށް ލައިގެން ހޭންބޯލް ކޯޓު ހަދަންޖެހޭ ރަށްތަކުގައި ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢެއް ގެންދިއުން. މާނައަކީ މިރަށް އޭގެތެރޭގައި ހިމަނައިގެން އިރާދަކުރެވިއްޔާ އަޅުގަނޑުމެން ހޭންބޯޅަ ކޯޓެއް މިރަށުގަ ހަދައިދޭނަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގަތް ގޮތަށް ލަންދޫގެ ޞިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ބަދަލުކޮށް މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި، ފިޓްނެސް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލަންދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމާއި، މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ޙަވާލުކޮށް، އަހަރު ނިމުމުގެ ކުރިން ޢަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ލަންދޫގެ ސްކޫލަށް ބޭނުންވާ އިމާރާތުގެ މަސައްކަތާއި ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، އަލަށް ތަރައްގީކުރާ އިމާރާތާއެކު، ސްކޫލުގެ ހުށަހެޅުމާ އެއްގޮތަށް އިތުރު ޚިދުމަތްތައް ވެސް ޤާއިމުކުރައްވާނެ ކަމަށެވެ. އަދި، ލަންދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ތަކެތި އެރަށަށް ގެނެވި މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށާއި، އައިސް ޕްލާންޓުގެ މަސައްކަތް ވެސް މިއަހަރު ތެރޭ ނިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ލަންދޫގައި ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް ކަމަށާއި، މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

ލަންދޫއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ލަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލް އިދާރާގައެވެ.

ކިޔުންތެރިންގެ ހިޔާލު