ENGLISH
10 ސެޕްޓެމްބަރު 2025
މި މަހު މަސްވެރިންނަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
22 ޖުލައި 2025
|
މަސްވެރިންތަކެއް މަސް ކިރުވަނީ، ފޮޓޯ: ސަން
މި މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝިން ކޮމްޕެނީ (މިފްކޯ)އިން ބުނެފިއެވެ.
މިފްކޯއިން ހާމަކުރި ހިސާބުތަކަށް ބަލާއިރު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް 30،841،282 (ތިރީސް މިލިއަން އަަށްލައްކަ ސާޅީސްއެއްހާސް ދުއިސަައްތަ އަށްޑިހަ ދެ) ރުފިޔާ އެ ކުންފުނިން އޮޑިވެރިންނަށް ދޫކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މަސްވެރިން ބާނާ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށިފަހުން ކޮންމެ ދުވަހަކުވެސް އޭގެ ކުރީ ދުވަހު ކިރުވި މަހުގެ ފައިސާ ދޫކުރަމުންދެއެވެ.
މި މަހު މިހާތަނަށް ފައިސާ ދޫކުރި އަދަދުތައް:
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް 250 މިލިއަނެއްހައި ރުފިޔާ ދޫކުރުމާއެކު، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގައި 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.
އެއަށްފަހު ކޮންމެ މަހަކުވެސް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.
އެމްއެމްއޭއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ނިމުނު އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރީ 19،005.1 މެޓްރިކްޓަނުގެ މަހާއި މަހުގެ އުފެއްދުންތަކެވެ. މި އަހަރުގެ އެ މުއްދަތުގައި 31،300.1 މެޓްރިކްޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ބޭރުކޮށްފައިވެއެވެ. އެއީ 64.7 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރުގެ އެ މުއްދަތުގައި ނިމުނު އަހަރާ އަޅާބަލާއިރު އެންމެ ބޮޑަށް އިތުރުވީ ތާޒާކޮށް އަދި ފިނިކޮށްގެންނާއި ގަނޑުކޮށްގެން ކަޅުބިލަމަސް ބޭރުކުރި މިންވަރެވެ. ނިމުނު އަހަރު 15،948 މެޓްރިކްޓަނުގެ ކަޅުބިލަމަސް ބޭރުކުރިއިރު މި އަހަރު 24،742 މެޓްރިކްޓަނުގެ ކަޅުބިލަމަސް ބޭރުކޮށްފައިވެއެވެ.
މަސް ބޭރުކުރި މިންވަރުގެ އިތުރަށް މަސް ކިރުވި މިންވަރުވެސް ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު އިތުރުވެފައިވާކަން ހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމުނު އަހަރު ކިރުވާފައިވަނީ 26،904 މެޓްރިކްޓަނުގެ މަހެވެ. މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް މަސް ކިރުވި މިންވަރު 16.7 އިންސައްތަ ނިމުނު އަހަރަށްވުރެ އިތުރުވެ، ޖުމްލަ 31،409 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ބޭރުކުރި މަހުގެ އަގުވެސް ނިމުނު އަހަރުގެ އެ މުއްދަތުގައި ބޭރުކުރި މަހުގެ އަގަށްވުރެ އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރުގެ ޖަނަވަރީން އޭޕްރީލު މަހުގެ ނިޔަލަށް ބޭރުކުރި މަހުގެ ޖުމްލަ އަގަކީ 37 މިލިއަން ޑޮލަރު ނުވަތަ 570 މިލިއަން ރުފިޔާއެވެ. މި އަހަރުގެ މިހާތަނަށް 52.5 މިލިއަން ޑޮލަރުގެ މަސް ބޭރުކޮށްފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން 809.55 މިލިއަން ރުފިޔާގެ މަހެވެ. އެއީ 42.1 އިންސައްތައިގެ އިތުރުވުމެކެވެ.