ENGLISH
10 ސެޕްޓެމްބަރު 2025
އަަނެއްކާވެސް ޑޮލަރުގެ ތާށިކަމަށް ލުޔެއް؛ ވިޔަފާރިތަކަށް ދޫކުރަން ބޭންކުތަކަށް ދޭ ޑޮލަރު %10 އިތުރުކޮށްފި
22 ޖުލައި 2025
|
މަރުކަޒީ ބޭންކުން ބޭންކުތަކަށް ދޭ ޑޮލަރު އިތުރުކުރުމާއެކު ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުވެސް ދަނީ އިތުރުވަމުން، ފޮޓޯ: މިހާރު
ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހުމުގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މަރުކަޒީ ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިޔަފާރިތަކަށް ދޫކުރުމަށް ބޭންކުތަކަަށް އެމްއެމްއޭއިން ކޮންމެ މަހަކު ދޭ ޑޮލަރުގެ އަދަދު 10 އިންސައްތައިން އިތުރުކުރުމަށް މަރުކަޒީ ބޭންކުން ނިންމައިފިއެވެ.
މިއަދު އެމްއެމްއޭއިން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމެންޓުތައް ހެދުމަށާއި ވިޔަފާރީގެ އެހެނިހެން ކަންކަން ކުރުމަށް ބޭންކުތަކަށް އެމްއެމްއޭއިން ދޫކުރާ ޑޮލަރުގެ އަދަދު 10 އިންސައްތައަށް އިތުރުކުރަން ނިންމުމާ ގުޅިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކުތަކުން ދޭ އެހީ 30 އިންސައްތައިން 40 އިންސައްތައަށް އިތުރުކުރުމަށް މަގުފަހިވާނެއެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުން އެ އިދާރާގެ އަމާޒަކީ މަރުކަޒީ ބޭންކުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އެހީ އިތުރުކޮށް ކުރިއަށް އޮތް ތަނުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތަކުން ދޭ ޑޮލަރުގެ އެހީ 50 އިންސައްތައަށް މަތިކުރުމެވެ.
އިތުރަށް މަރުކަޒީ ބޭންކުން ބުނެފައިވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން އެމްއެމްއޭއަށް ވިއްކަންޖެހޭ ޑޮލަރު 90 އިންސައްތައަށް އިތުރުކުރުމަށްފަހު، އިތުރުކުރި 30 އިންސައްތަ އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު ވިއްކަމުން އަންނަ ކަމަށެވެ.
އެ ބަދަލުގެ ސަބަބުން މިހާރަށްވުރެ ހަރުދަނާކޮށް އަދި އިކުއިޓަބަލް ގޮތެއްގައި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދެވޭނެ ކަމުގައި އެމްއެމްއޭއިން ބުނެފައިވެއެވެ.
އަދި އެމްއެމްއޭއިން ބޭންކުތަކަށް ވިއްކަމުންދާ 30 އިންސައްތަ ޑޮލަރު ބޭނުންކުރަމުންދަނީ ޢާއްމުންގެ އެކި ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި އެ ފައިސާގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާނެއެވެ.
މި ބަދަލު ގެނެސްފައިވާއިރު ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ބޭރުން ބޭސްފަރުވާ ހޯދުމަށް ދާ ފަރާތްތަކުގެ ތެރެއިން އެންސްޕާއިން އެހީތެރިކަން ލިބޭ ފަރާތްތަކަށް ބޭންކުތައް މެދުވެރިިކޮށް 2،000 ޑޮލަރު އަދި އަމިއްލަ ހަރަދުގައި ބޭސްފަރުވާ ހޯދުމަށް ދާ ފަރާތްތަކަށް 1،000 ޑޮލަރު ދޫކުރަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
ސަރުކާރާއި މަރުކަޒީ ބޭންކުން ތައާރަފުކުރި ބޭރު ފައިސާގެ ގާނޫނުގެ ސަބަބުން ބޭންކުތަކަށް ޑޮލަރު ލިބޭ މިންވަރު އިތުރުވުމާއެކު، ބޭންކުތައް މެދުވެރިކޮށް މަރުކަޒީ ބޭންކަށް ޑޮލަރު ވަންނަ މިންވަރު އިތުރުވެފައިވެއެވެ. ބޭންކުތައް މެދުވެރިކޮށް މަރުކަޒީ ބޭންކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ ބޭނުންކުރަމުންދަނީ ދައުލަތުގެ ރަސްމީ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށެވެ. މިހާރު ރިޒަރވްގެ ހާލަތު އަންނަނީ އެއް މަހަށްވުރެ އަނެއް މަހު ރަނގަޅުވަމުންނެވެ.
ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުވުމަކީ ރާއްޖެއިން މި އަހަރާއި އަންނަ އަހަރު ދައްކަންޖެހޭ ބޭރުގެ ދަރަނި އަދާކުރަންޖެހޭ ތާވަލާ އެއްގޮތަށް އަދާކުރެވޭނެ ކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް ލިބޭނެ ކަމެއްކަން ފާހަގަކުރެވެއެވެ.