ENGLISH
10 ސެޕްޓެމްބަރު 2025
މަނަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިންގާ އަޅުއްވަައިފި
22 ޖުލައި 2025
|
މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވަނީ، ފޮޓޯ: ރައީސް އޮފީސް
މަަނަދޫގައި މި ސަރުކާރުން ތަރައްގީކުރަން ފަށާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހަވީރު މަނަދޫއަށް ވަޑައިގެން، އިއްޔެ އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފަވެއެވެ.
މިއަދު ހެނދުނު އެ ރަށުން ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ ހާޒިރުގައި އެ ރަށުގައި މުހިއްމު ދެ މަޝްރޫއެއްގެ ބިންގާ އަޅުއްވާފައިވެއެވެ. އެގޮތުން އެ ރަށުގައި ތަރައްގީކުރާ ނ.އަތޮޅުގެ އައު ހޮސްޕިޓަލާއި، އެ ރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާފައިވެއެވެ.
ނ.އަތޮޅުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އަދި އޭނާ އަރިހުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއާއި، އެ ރަށު ކައުންސިލުގެ ރަައީސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމް ގާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، ފިޓްނަސް ސެންޓަރުތަކުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމާއި، އަންހެން ބޭފުޅުންނަށް ކަސްރަތު ކްލާސްތައް ހިންގޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މުޅި ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރަމުންދާއިރު، ދާދިފަހުން އެ ވުޒާރާއިން ވަނީ ކުޅިވަރުގެ 77 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ. މި ހުރިހާ މަޝްރޫއެއްވެސް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއެވެ.