ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

މަނަދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަށް ހައްލު: ނަރުދަމާގެ ނިޒާމު އަލުން ޤާއިމު ކުރަނީ

21 ޖުލައި 2025

|

އަޙުމަދު ޙަމީދު

މަނަދޫގައި މިރޭ ބޭއްވި ޖަލްސާ -- ފޮޓޯ: ރައީސް އޮފީސް

ނ. މަނަދޫގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަށް ޙައްލެއް ގެނައުމަށް އެ ރަށުގައި އަލުން ނަރުދަނާގެ ނިޒާމު ޤާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާނު ކުރައްވައިފި އެވެ.

ނޫނު އަތޮޅުގެ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިރޭ މަނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަނަދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ  ނަރުދަމާގެ ނިޒާމު ހަލާކުވެފައި އޮތުން ކަމަށެވެ.

އެއީ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލައެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ނަރުދަމާގެ ނިޒާމަށް ދާއިމީ ޙައްލެއް ބޭނުންވާ ކަމަށެވެ. ނަމަވެސް މިހާރު އޮތް ޙާލަތުން އެކަމަށް ދާއިމީ ޙައްލެއް ގެނައުމަށް ކުރަން ޖެހޭ ކަމަކީ މުޅިން އާ ނަރުދަމާގެ ނިޒާމެއް ޤާއިމު ކުރުން ކަމަށެވެ.

ރައީސް ވަނީ ރައްޔިތުންނަށް އޮތް ތަކުލީފަށް ލުއި ހޯދާ ދިނުމަށް ނަރުދަމާ އެޅުމުގެ މަސައްކަތް އައު މަޝްރޫޢުއެއްގެ ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ލަސް ކުރައްވާ އެ މަސައްކަތް ފަައްޓަވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނާއި ހަވާލު ކޮށްގެން އަންނަ މަހު އެ މަަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

އަދި އެ މަސައްކަތް ނިމެމުންދާ މިންވަރަކުން މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އަމާޒަކީ ދޮޅު އަހަރުތެރޭ ނަރުދަމާގެ މަސައްކަތް މުޅިން ނިންމާލުން ކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތް 2027 ގެ ނިޔަލަށް ފުރިހަމަ ކުރުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ވެސް މިހާރު އޮތް ނަރުދަމާގެ ނިޒާމު ބޭނުން ކުރެވޭނެ ފަސޭހަ ގޮތްތަކެއް ފަހިކޮށް ދެއްވުމަށް ފެނަކާގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ސިއްޙީ ދާއިރާ އިން މަނަދޫއަށް ވެވަޑައިގެންނެވި ވަޢުދުތަކާއި ކުޅިވަރާއި ތަޢުލީމީ ދާއިރާ އިން އެެ ރަށަށް ޚާއްސަ ބައެއް ކަންކަން ތަފްސީލު ކޮށް ދެއްވާފަ އެވެ. ޚާއްސަކޮށް އެ ރަށުގައި އިސްލާމިކް ޔުނިވާސިޓީން ކެމްޕަހެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު