ENGLISH
10 ސެޕްޓެމްބަރު 2025
ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފައްޓަވައިދެއްވައިފި
21 ޖުލައި 2025
|
ކެނދިކުޅުދޫގައި ބަހުގެ ހިދުމަތް ފައްޓަވައިދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
ނ.ކެނދިކުޅުދޫގައި އެމްޓީސީސީގެ އާރްޓީއެލް ބަހުގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވަައިދެއްވައިފިއެވެ.
ނ.އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށް ރައީސް ކުރައްވަމުންގެންދަވާ ހަތަރު ދުވަަހުގެ ދަތުރުފުޅުގައި މިއަދު ކެނދިކުޅުދޫއަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބަހުގެ ހިދުމަތް އިފުތިތާހުކޮށްދެއްވީ އެމަނިކުފާނެވެ.
މި ރަސްމިއްޔާތުގައި ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީނު އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަހްމަދު ސައުދީގެ އިތުރަށް ސަރުކާރުގެ ބައެއް ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ކެނދިކުޅުދޫގެ ކުރިން އާރްޓީއެލް ބަހުގެ ހިދުމަތް ދެމުންދާ ރަށްރަށަކީ އައްޑީ ސިޓީއާއި ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކާއި، ފުވައްމުލަކާއި ކުޅުދުއްފުއްޓާއި، ހއ.ދިއްދޫއެވެ. އެހެންކަމުން މާލެއިން ބޭރުން އާރްޓީއެލް ބަހުގެ ހިދުމަތް ފަށާ ހަވަނަ ސަރަހައްދަކަށްވާނީ ކެނދިކުޅުދޫއެވެ.
ސަރުކާރުން އަންނަނީ އާރްޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމާއެކު ބިންބޮޑު ރަށްރަށުގައި ބަހުގެ ހިދުމަތް ގާއިމުކުރުމަށް މަސައްކަތްކުރަމުންނެވެ.
ކެނދިކުޅުދޫއަކީ ފަތުރުވެރިކަން ތަރައްގީވަމުން އަންނަ ގުދުރަތީ ރީތިކަމަށް މަޝްހޫރު ރަށެކެވެ. އެއީ ދިވެހިންގެ މެދުގައިވެސް މަގުބޫލު މަންޒިލެކެވެ.
ނ.އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މާފަރުގައި ފުލުސް ސްޓޭޝަނުގެ ބިންގާ އަޅުއްވަައިދެއްވައި، އެ ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ފައްޓަވައިދެއްވާފައިވެއެވެ. އަދި ހިނބަދޫގައި އައު މިސްކިތަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާފައިވެއެވެ.
މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރައްވައެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަައި އެ ރަށެއްގައި ސަރުކާރުން ކުރަމުންދާ އަދި ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތަފުސީލު އެމަނިކުފާނު ދެއްވައެވެ.