ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ހެނބަދޫ ރައްޔިތުންނަށް ބޮޑު އުންމީދެއް؛ ނޮވެންބަރުގައި ބިން ހިއްކަން ފަށަނީ

21 ޖުލައި 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހެނބަދޫގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ނ. ހެނބަދޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ފެށުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނޫނު އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހެނބަދޫ އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހެނބަދޫގެ ރައްޔިތުންގެ އެންމެ އުންމީދީ މަޝްރޫޢު ކަމުގައިވާ ބިން ހިއްކުމުގެ މަޝްރޫޢު ހަޤީޤަތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.

އެ ގޮތުން ރަށުގެ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑު މިންވަރެއް ހިއްކަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ދެން އެންމެ އަވަހަށް ހުޅުވާލާ މަޝްރޫޢުތަކުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ހިމަނުއްވާނެ ކަމަށެވެ. އެ ގޮތުން ސެޕްޓެންބަރު މަހުގެ ތެރޭގައި އެ މަސައްކަތް ހަވާލު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

އަދި އަމާޒަކީ އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހެނބަދޫ އިން ހިއްކެން އޮތީ ހައެއްކަ ހެކްޓަރުގެ ބިން ނަމަވެސް އެއީ އެ ރަށަށް ވަރަށް މުހިންމު ބިމެއް ކަމަށެވެ. އަދި ބިން ހިއްކުމާ އެކު އެ ރަށަށް ވެވަޑައިގެންފައިވާ އެހެން ވަޢުދުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

ގިނަ ވަޢުދުތައް ގުޅިފައިވަނީ ބިން ހިއްކުމުގެ މަޝްރޫޢުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީ ކުރުމާއި ކުޑަކުދީންގެ ޕާކު ހެދުން ފަދަ މަސައްކަތްތައް އޭރުން ފެށޭނެ ކަމަށެވެ.

މީގެ އިތުރުން ހެނބަދޫގައި މިސްކިތެއް ބިނާކުރުމަކީ މުހިންމު ވަޢުދެއްކަން ފާހަގަ ކުރައްވާ އެ މަސައްކަތް މިއަދު ފެށިފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު