ENGLISH
10 ސެޕްޓެމްބަރު 2025
އެފްޑީސީ ފުލެޓުތައް؛ ބަރާބަރަށް ކުލި ދެއްކުމަށް ބާރުއަޅަން ފިޔަވަޅުތަކެއް
21 ޖުލައި 2025
|
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ތެރެއިން ބަރާބަރަށް ކުލި ދައްކަމުންދާ މީހުންނަށް ލުއިތަކެއް ލިބޭނެކަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހާމަކޮށްފިއެވެ.
އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ތަރައްގީކުރާ ހައުސިން ޔުނިޓުތައް ލިބޭ މީހުން އެތަންތަނުގެ ކުލި ބަރާބަރަށް ދައްކަމުންނުދާ މައްސަލައަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. އެގޮތުން އެޗްޑީސީން ކުއްޔަށް ދީފައި ހުރި ފުލެޓުތަކުގެ ކުލީގެ ގޮތުގައި ލިބެންޖެހި ނުލިބިހުރި ފައިސާގެ އަދަދު 894 މިލިއަން ރުފިޔާައަށް އަރާކަން އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
އެގޮތުން ހިޔާ ފުލެޓުތަކުގެ ކުލިން ނުލިބި ހުރި ފައިސާގެ އަދަދު 628 މިލިއަނަށް އަދި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ފުލެޓުތަކުގެ ކުލިން 230 މިލިއަން ރުފިޔާ ނުލިބި ހުރިކަމަށް އެޗްޑީސީން ބުނެއެވެ.
މިހާރު ތައްޔާރުވަމުން އަންނަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހިންގި ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ތަރައްގީކުރި 4،000 ހައުސިން ޔުނިޓު ދޫކުރުމުގެ މަސައްކަތެވެ. މިއަދު އެ ފުލެޓުތައް ލިބުނު ފަރާތްތަކާއެކު ފުލެޓު އެއްބަސްވުމުގައި ސޮއިކުރަންވަނީ ފަށާފައެވެ.
ރޭ އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓާ ހަމްދާން ޝަކީލު ވިދާޅުވީ ކުލި ނުދައްކާ މައްސަލައަށް ރަނގަޅު ހައްލެއް ހޯދުމަށްޓަކަައި އެހެނިހެން މަޝްރޫއުތަކުގެ ދަށުން ހައުސިން ޔުނިޓުތައް ދޫކުރުމުގައި އަމަލުކުރަމުން އައި އުސޫލާ ހިލާފަށް ކުލި ދެއްކުމަށް ބާރުއެޅުމަށް އެފްޑީސީ ޔުނިޓުތަކުުގެ އެއްބަސްވުމުގައި ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ.
އެގޮތުން ކުލި ދެއްކުމަށް ހިތްވަރުދިނުމަށް އަޅާ އެންމެ މުހިއްމު ފިޔަވަޅުގެ ގޮތުގައި ހަމްދާން ފާހަގަކުރެއްވީ ކުލި ދައްކާ ފަރާތްތަކަށް ލުއިތަކެއް ލިބޭ ގޮތަށް ކުލި ސްޓްރަކްޗާކުރުމެވެ. އެގޮތުން ޔުނިޓުތައް ދޫކުރާ ކުއްޔަަކީ ތިން ކޮޓަރީގެ އެޕާޓުމެންޓުތައް 9،000 ރުފިޔާއަށެވެ. އަދި ދެ ކޮޓަރީގެ ފުލެޓުތައް 7،000 ރުފިޔާއަށެވެ.
ހަމްދާން ވިދާޅުވި ގޮތުގައި މި ކުއްޔަކީ ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީ ހިމަނައިގެން ހަމަޖަައްސާފައިވާ ކުއްޔެވެ. އެފްޑީސީން ނިންމާފައިވަނީ ކަނޑައެޅިފައިވާ މުއްދަތަށް ކުލި ދައްކަމުންދާނަމަ، ސަބްސިޑީ ހިމަނައިގެން ކަނޑައަޅާފައިވާ ކުލި ދައްކަންޖެހޭ ގޮތަށް ހަމަޖެއްސުމެވެ.
ނަމަވެސް ކުލި ދައްކަންޖެހޭ މުއްދަތަށްވުރެ ފަސްވާނަމަަ ސަރުކާރުން ކުލި ކުޑަކުރުމަށް ދޭ ސަބްސިޑީ އުނިކުރަމުންދާނެއެވެ. އެގޮތަށް އުނިކުރަމުން ގޮސް މަހުގެ 25 ވަނަ ދުވަހަށްވުރެ ކުލި ދެއްކުން ލަސްވެއްޖެނަމަ ސަބްސިޑީ އެއްކޮށް އުނިކުރާނެއެވެ. އެއިރުން ތަނުގެ އަގު ބަހާލައިގެން މަހަކު ދައްކަންޖެހޭ ފުރިހަމަ އަދަދު ކުލީގެ ގޮތުގައި ދައްކަންޖެހޭނެއެވެ.
ހަމްދާން ވިދާޅުވި ގޮތުގައި މިގޮތަށް ނިންމި އެންމެ ބޮޑު ބޭނުމަކީ ކުލި ދައްކާ ފަރާތްތަކަށް އިންސާފުވެރިވުމެވެ. އަދި މަހުން މަހަށް ކުލި ދެއްކުމަށް ހިތްވަރުދިނުމެވެ.