ENGLISH
10 ސެޕްޓެމްބަރު 2025
އެމްއޭސީއެލްގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް އާ ޓާމިނަލްގެ މައުލޫމާތު ދީފި
21 ޖުލައި 2025
|
އެމްއޭސީއެލްގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިއަށްގެންދިޔަ ސެޝަން. ފޮޓޯ: އެމްއޭސީއެލް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް އާ ޓާމިނަލް ދައްކާލައި، މައުލޫމާތު ދޭން ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއޭސީއެލްގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 16 މުވައްޒަފުން މަސައްކަތްކުރެއެވެ. އެ މުވައްޒަފުންނަށް މަރުޙަބާ ދެންނެވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ.
މުވައްޒަފުންނަށް ކުރިއަށްގެންދިޔަ ސެޝަންގައި ވަނީ އާ ޓާމިނަލްގެ މައުލޫމާތުދީ އެ މުވައްޒަފުންގެ ސުވާލުތަކަށް ޖަވާބުދީފައެވެ. ސުވާލުތަކަށް ޖަވާބުދިނުމުގައި ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޑިރެކްޓަރު އޮފް ފައިނޭންސް އަދި އިންޓަޕްރެޓާ ސައީދު އަތުހަރު ބައިވެރިވަޑައިގެންނެވިއެވެ.
ސެޝަންގެ ބައިވެރީންގެ ތެރެއިން އެމްއޭސީއެލްގެ ހައުސްކީޕަރު ސުޒްނާ މުޙައްމަދު ސަޢީދު ބުނީ، އާ ޓާމިނަލަށް ބަދަލުވާތީ ވަރަށް އުފާވާ ކަމަށާއި، އެކި ގައުމުތަކުން އެ ރީތި ޓާމިނަލަށް މީހުން އަންނާނެކަމަށް އުއްމީދުކުރާ ކަމަށެވެ.
ޑޮލީ ސަރވިސަސް އެންޑް މެއިންޓެނެންސްގެ ޓެކްނިކަލް ސަޕޯޓް އަޙްމަދު އަޝްފާޤް ބުނީ، އާ ޓާމިނަލްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވާނެ ޚާއްޞަ މީހުން ތިބޭނަމަ އިތުރަށް ފުރިހަމަވާނެ ކަމަށެވެ. ފުރަތަމަ ފަހަރަށް ޓާމިނަލްގެ ތަޖުރިބާ ކުރެވުމުން ވަރަށް އުފާވާކަމަށް އަޝްފާޤް ބުނެފައިވެއެވެ.
އެމްއޭސީއެލްއަކީ ޚާއްޞަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދޭ ކުންފުންޏެކެވެ. ވަޒީފާ ހަމަޖައްސައިދިނުމުގެ އިތުރުން އެފަދަ ފަރާތްތަކަށް ޚާއްޞަކޮށްގެން އިންޓަރންޝިޕް ޕްރޮގްރާމްތައް ވެސް އެމްއޭސީއެލްއިން ކުރިއަށްގެންދެއެވެ.
އާ ޓާމިނަލް ހުޅުވަން ތައްޔާރުވަމުން އަންނައިރު، އެމްއޭސީއެލްއިން އަންނަނީ މުޅި ތަނުގެ ހިންގުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ބާރު ދުވެލީގައި ކުރަމުންނެވެ. އާ ޓާމިނަލްގެ މަސައްކަތް ހަގީގަތަކަށް ހެދުމަށް އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ބުރަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.