ENGLISH
10 ސެޕްޓެމްބަރު 2025
ކޭޕާކް ރެޒިޑެންސް މައްސަލަ: ކުރީގެ ސަރުކާރުތަކަށް ފަލާހު ތުހުމަތުކުރައްވައިފި
21 ޖުލައި 2025
|
ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކް ރެޒިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި، ގިނަ ބައެއްގެ އަތުން ފައިސާ ނެގުމުގެ މައްސަލައިގައި ކުރީ މިދިޔަ ސަރުކާރުން އެ މަޝްރޫއުގެ ވެރިންނަށް ހިމާޔަތްދިންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަށް ހިމާޔަތްދީ، 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުރީގެ ސަރުކާރުން ދީފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
އަދިމީގެއިތުރުން ކޭޕާކް ފްލެޓްތަކުގެ މައްސަލައަށް ހައްލު ހޯދައިދޭނީ މިހާރުގެ ސަރުކާރުން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، މި މައްސަލައިގައި މަޖިލީހަށް އެއްވެސް ބޭފުޅަކު ހާޒިރުކުރާނަމަ، ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީންއާއި، އިބްރާހީމް މުޙައްމަދު ޞާލިޙް ހާޒިރުކުރަންޖެހޭނެ ކަމަށެވެ.
""މި މައްސަލައިގައި ދެންވެސް މިއީ ރައްޔިތުންގެ މަޖިލީހާ ގުޅުން އޮވެގެން މި ތަނުން ހައްލުކުރާ މައްސަލައެއް ކަމަށް ވަންޏާ، މި ތަނަށް ހާޒިރުކުރަންވީ ފުރަތަމަ މި މައްސަލަ ފެށި އޭރު ވެރިޔަކަށް ހުރި ރައީސް ޔާމީނާއި، މިދިޔަ ވެރިކަމުގެ ރައީސަކަށް ހުރި އިބްރާހީމް މުހައްމަދު ސޯލިހާ ދެ ބޭފުޅުން،"" - މަޖިލީހުގެ އިންގުރައިދޫ ދާއިރާގެ މެންބަރު ފަލާހު
އަދި ކުރީގެ ރައީސް ޔާމީން ކޭޕާކް މަޝްރޫޢުގެ ތެރެއިން ފައިސާ ނަންގަވާފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށާއި، ނެންގެވީ ކިހާ ފައިސާއެއްތޯ ސުވާލުކުރަންޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ފާހަގަކޮށްފައިވަނީ، މިއީ ގިނަ ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ މައްސަލައެއް ކަމަށާއި، ބޯހިޔާވަހިކަމުގެ ދަތިކަމަކީ އިޖުތިމާޢީ މައްސަލަތަކެއްގެ އަސްލެއް ކަމަށެވެ.
އަދި ފްލެޓްތައް ހަވާލުކުރުން ލަސްވާނަމަ، ފްލެޓް ގަތް އާއިލާތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ކުރީގެ ސަރުކާރުތަކުގެ އިސްވެރިން އަދި އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެއެވެ.
އެހެންނަމަވެސް، މި މައްސަލައަކީ ގިނަ ރައްޔިތުންގެ ސަމާލުކަން ލިބިފައިވާ މައްސަލައެކެވެ.