ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

މާފަރުގެ ބައެއް މަޝްރޫއުތަކަށް ރައްޔިތުން އެދޭ ބަދަލުތައް ގެންނަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

21 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ނ.މާފަރުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އެ ރަށު ރައްޔިތުން އެދޭ ބަދަލުތައް ގެންނަވާނެކަމުގެ ޔަގީންކަން ދެއްވުމާއެކު، ރަށަށް ބޭނުންވެފައި ހުރި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. 

ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު މާފަރަށް ވަޑައިގެން އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްދެއްވުމަށްފަހު، ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނު ރަަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ބޭނުންފުޅަކީ ރައްޔިތުން ބޭނުންވާ ކަންކަން އަޑުއައްސަވައި އެ ރައްޔިތުން އެދޭ ގޮތަށް ކަންކަން ހަމަޖެއްސެވުން ކަމަށެވެ. 

އެގޮތުން އެ ރަށުގައި ސިއްހީ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓުގައި ރޭ ސޮއިކުރެވުނުއިރު އެ މަޝްރޫއު ހިންގުމަށް ނިންމާފައި އޮތް ގޮތަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުން ބޭނުންވާކަން ފާހަގަކުރެއްވިފައިވާ ކަމަށާއި، އެ ބަދަލު ކޮންޓްރެކްޓަށް ގެންނަވައި ރައްޔިތުން ބޭނުންވާ ގޮތަށް ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

"ރޭގަ ސޮއިކުރި ހެލްތު ސެންޓަރުގެ މަޝްރޫއުގައި އިތުރަށް ރަނގަޅުކުރަން ކަންތައްތަކެއް ހުރިކަން އަޅުގަނޑަށް މިއަދު މައުލޫމާތު މި ލިބުނީ. އެހެންވީމާ އަޅުގަނޑު ދަންނަވާފައިވާނެ މި ހަފުތާ ނިމުމުގެ ކުރިން އެ މަޝްރޫއު ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށް އިތުރު 15 އެނދު ހިމެނޭ ގޮތަށް ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރަން އެލުން އެގްރިމެންޓުގައި ސޮއިކޮށްގެން ކުރިއަށްގެންދަން،" ރައީސް ވިދާޅުވިއެވެ. 

މި ހަަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެއްބަސްވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މާފަރަކީ ކުރިއަރައިދިއުމުގެ ފުރުސަަތު އޮތް ރަށަކަށްވާތީ އެކަމަށް ރިއާޔަތްކޮށްގެން، އެކަށީގެންވާ ހިދުމަތް ލިބޭނެ ގޮތަށް ސިއްހީ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

އޭގެ އިތުރަށް އެ ރަށުގައި މިހާރު ހިނގަމުންދާ ސްކޫލު މަޝްރޫއަށްވެސް ބަދަލުތަކެއް ގެންނަވާނެކަން ރައީސް އިއުލާނުކުރެއްވިއެވެ. އެގޮތުން އިމާރާތްކުރުމުގެ މަސައްކަތަށް ބޮޑު ބަދަލުތަކެއް ނުގެނެސް އެ ސްކޫލު ރޫމަށް ހަތަރު ކްލާސް ރޫމު އިތުރުކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

އޭގެ އިތުރަށް އެ ރަށުގައި ހިންގަމުންދާ ފުޓްސެލް ދަނޑުގެ މަސައްކަތްވެސް ހަލުއިކުރައްވައި އަވަހަށް މަޝްރޫއު ނިންމެވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސްވަނީ އެ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ. 

"މަގު ހެދުމަކީ އަޅުގަނޑު ވެފައި އޮތް ވައުދެއް. މި އަހަރުގެ ފަހުކޮޅަށް އަަޅުގަނޑުމެން ތާވަލުކޮށްގެން މިއުޅެނީ އިރާދަކުރެއްވިއްޔާ މަސައްކަތް ފެށުމަށް. އެހެންވީމާ މި އަހަރުގެ ފަަހުކޮޅު ފަށައިގެން އަންނަ އަހަރުގެ ތެރޭގައި މަގުހެދުމުގެ މަސައްކަތްތައް ގިނަ ރަށްރަށުގައި ކުރުމަށް މިއޮތީ ކަނޑައެޅިފައި،" ރައީސް ވިދާޅުވިއެވެ. 

އެއާޕޯޓަށް އިތުރު ކަންކަން

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަން ފާހަގަކުރެއްވުމާއެކު ރައީސް ވިދާޅުވީ އެ ފެންވަރުގެ އެއާޕޯޓަކަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރަންޖެހޭ ކަމަށެވެ. އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ފެންވަރު ރަނގަޅު ޓާމިނަލެއް ގާއިމުކުރުމެވެ. 

އޭގެ އިތުރަށް ނ.އަތޮޅަކީ ގިނަ އަދަދެއްގެ ރިސޯޓު މިހާރުވެސް ހިންގަމުން އަންނަ، އަދި ކުރިއަށް އޮތް ތަނުގައި ރިސޯޓުތައް އިތުރުވާނެ އަތޮޅަކަށްވާތީ އެއާޕޯޓުގައި ހުންނަންޖެހޭ ވަސީލަތްތަކުގެ ތެރޭގައި، އެއާޕޯޓުގައި ޓޫރިސްޓުން މަޑުކޮށްލާނެ ހޮޓަލެއް ހުރުން މުހިއްމުކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. 

ރައީސް ވިދާޅުވީ އެއާޕޯޓަށް ގެންނަންޖެހޭ މިފަދަ ތަރައްގީތައް ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ. ލަސްތަކެއްނުވެ އެ ހުރިހާ މަސައްކަތްތަކެއް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

އަންނަ އަހަރު ގެދޮރުވެރިކަމުގެ މަޝްރޫއެއް 

ގެދޮރުވެރިކަމުގެ މަޝްރޫއުތަކަކީ ހުރިހާ ރައްޔިތުންނަށް އެންމެ މުހިއްމު ދާއިރާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންނަ އަހަރުވެސް ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާއިރު އެ ފައިސާއިން ހައުސިން މަޝްރޫއުތައް ހިންގާ ރަށްރަށުގެ ތެރޭގައި މާފަރު ހިމެނޭނެއެވެ. 

"މި އަންނަ އަހަރަށްވެސް ކަނޑައަޅާނެ އެއް ބިލިއަން ރުފިޔާ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ އައު މަޝްރޫއުތައް ފެށޭ ރަށެއްގެ ގޮތުގައި މި ރަށް އޮތީ ކަނޑައަޅާފައި،" ރައީސް ވިދާޅުވިއެވެ. 

އެ ރަށަށް ކުރިމަތިވެފައި އޮތް ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތްވެސް މިހާރު ފެށިގެން ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރައީސްވަނީ މާފަރުގެ ތަރައްގީއަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ރައްޔިތުންނާ ކައިރިން، ރައްޔިތުންގެ ހިޔާލާއި ބޭނުންތައް ދެނެވަޑައިގެން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު