ENGLISH
21 ޖުލައި 2025
އުއްތަމަފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވައިފި
21 ޖުލައި 2025
|
ފަނޑިޔާރު މުއުތަސިމް އަދުނާން، ފޮޓޯ: މިހާރު
އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް ޢަދުނާން ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު މިއަދު ރިޓަޔާކުރައްވައިފިއެވެ.
މުޢުތަޞިމަކީ އައު ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން އުއްތަމަފަނޑިޔާރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވި ފުރަތަމަ ބޭފުޅާއެވެ. އެމަނިކުފާނުގެ ކުރިން އެ މަގާމު އަދާކުރެއްވި ބޭފުޅުން އެ މަގާމުން ވަކިވެވަޑައިގެންފައިވަނީ އެކި ގޮތްގޮތުން މަގާމުން ވަކިކޮށްގެންނެވެ.
މިދިޔަ މޭ މަހުގައި އުއްތަމަަފަނޑިޔާރު ރިޓަޔާކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގަތުމުން އެ ކޮމިޝަނުން އެމަނިކުފާނަށް ރިޓަޔާކުރެއްވުމަށް ފުރުސަތު ދިނުމަށް ނިންމީ ފާއިތުވި ހަފުތާގައެވެ. އެ ނިންމެވުމާ ގުޅިގެން މިއަދު ރިޓަޔާކުރެއްވުމަށް އެމަނިކުފާނު ނިންމެވިއެވެ.
އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއާއި ފަލްސަފާގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި މުއުތަސިމު އުއްތަމަފަނޑިޔާރުގެ މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުއެވެ. އޭގެ ކުރިން އައު ގާނޫނުއަސާސީގެ ދަށުްނ އެކުލަވައިލެވުނު ފުރަތަމަ ދާއިމީ ސުޕްރީމް ކޯޓުގައި 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިދުމަތްކުރެއްވިއެވެ.
ގާނޫނު ބަދަލުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް އެއިރު ނިންމުމާ ގުޅިގެން އެއިރުގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު ހުސައިން ފާއިޒާއެކު މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހުން ނިންމިއެވެ.
މިއަދު ފަނޑިޔާރުކަމުން އެމަނިކުފާނު ރިޓަޔާކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި ޕޯސްޓެއްގައި ސުޕްރީމް ކޯޓަށާއި، ޝަރުޢީ ދާއިރާއަށް މުއުތަސިމް ކޮށްދެއްވި އަގުހުރި ހިދުމަަތްތައް ފާހަގަކޮށް އޭނާއަށް ޝުކުރު އަދާކޮށްފައިވެއެވެ.
އައު އުއްތަމަަފަނޑިޔާރަކު އައްޔަންކުރެވެންދެން ވަގުތީ ގޮތުން ސުޕްރީމް ކޯޓު ހިންގެވުމާއި އުއްތަމަފަނޑިޔާރުގެ ހުރިހާ ޒިންމާއެއް ޖޭއެސްސީން ހަވާލުކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއެވެ.