ENGLISH
26 ނޮވެމްބަރު 2024
ޙަޔާތުގެ އެންމެ ބޮޑު ޙަޤީޤަތަކީ، އެންމެ ލޯބިވާ މީހުންނާއި، ތަކެތި ދޫކޮށް ދާންޖެހޭކަން: ޙުތުބާ
22 ނޮވެމްބަރު 2024
|
އިސްލާމީ މަރުކަޒު
އެންމެ މަޤްބޫލު
ދުނިޔަވީ ޙަޔާތުގައިވާ އެންމެ ބޮޑު ޙަޤީޤަތަކީ، އިންސާނާ ލޯބިވާ އެންމެތަކުންނާއި، އެއްކޮށްފައިވާހައި ތަކެއްޗެއް ދޫކޮށް، މަރުވެގެން ދާން ޖެހޭނެކަން ކަމުގައި މިއަދުގެ ޙުތުބާގައި ތަފްސީލްކޮށް ބަޔާންކޮށްދީފިއެވެ.
އާޚިރަތް ދުވަހަކީ ދުނިޔަވީ ޙަޔާތް ނިމޭ ދުވަސްކަމަށާއި އާޚިރަތް ދުވަސް އަންނާނެ ވަގުތެއް މާތް ﷲ ފިޔަވައި އެއްވެސްފަރާތަކަށް އެނގިގެން ނުވާކަމަށާ އަދި އެދުވަހު އުޑުތަކާޢި ބިންގަނޑު ފަޅައިގެންގޮސް އިރުގެ އަލި ނެތިގެންދާނެކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އެއްވެސް ތަރުޖަމާނަކާއި ނުލާ މާތްﷲ ކޮންމެ މީހަކާމެ ބަސްވަހީކުރައްވާނެނކަމާއި އެދުވަހަކީ 50،000 އަހަރާ އެއްވަރުގެ ދިގު ދުވަހެއްކަން ވަނީ ބުނެދީފައެވެ.
އެކަމުން ފިލައިގެން ދެވޭނެ އެކަކުވެސް ނުހުންނާނެ ކަމާއި އާޚިރަތަށް ޓަކައި ދުނިޔޭގައި އުޅޭ ބަޔަކު ކަމުގައި އަޅުގަނޑުމެން ވާންޖެހޭ. އަދި އާޚިރަތަށް ހުސްވެ، ދުނިޔެ ހޯދުމުގައި އުޅެނިކޮށް، އެބަޔެއްގެ އަޖަލާ ބައްދަލުކުރަނީ ކިތައް މީހުންތޯ،" ޚުތުބާގައި ބުނެފައިވެއެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ، އެކަމަކުން ތިޔަބައިމީހުން ފިލާންދުވާ މަރު (ދަންނާށެވެ!) ފަހެ، އެ މަރު ތިޔަބައި މީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައި މީހުން ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ ހަޞްރަތަށެވެ. ފަހެ، އޭރުން ތިޔަބައި މީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު ތިޔަބައި މީހުންނަށް އެކަލާންގެ އަންގަވާނެތެވެ،" މާތް ﷲ ގެ ވަޙީބަސްފުޅުގެ މާނަ ބަޔާންކޮށްދެއްވައި ޚުތުބާގައި ބުނެފައިވެއެވެ.
ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށް މީހަކު ދުނިޔެ ދޫކޮށްފައި ވިޔަސް އެކަލާނގެ އެމީހަކު މަޙްޝަރުކުރައްވާނެކަމާއި ޖައްވުގައިި ވިޔަސް، ފުން ބިންގަރާހެއްގެ އެންމެ އަޑީގައި ވިޔަސް، ވަލުޖަނަވާރުރެއްގެ ބަނޑުގައި ވިޔަސް، އަދި މިނޫން ގޮތަަކަށް ވިޔަސް، ޤިޔާމަތް ދުވަހު އެންމެން އެއްތަންކުރެއްވުމަކީ އެކަލާންގެއަށް ދާދި ފަސޭހަކަމެކަން ބަޔާންކޮށްދީފައިވެއެވެ. އެ ދުވަހުން އުފާވެރިކަން ހުރީ ހެޔޮ އަމަލުކޮށްއުޅުނު މީހާއަށް ކަމަށާއި މާތް ﷲގެ މަގުން މޫނު އަނބުރައިލި މީހާ އެ ދުވަހުން ހިތާމަކުރާނެކަން ބުނެދިނެވެ. މާތްﷲ އަށާއި، އާޚިރަތް ދުވަހަށް ފުރިހަމަ ގޮތުގައި އީމާންވާ ނަމަ، ކުރާ ކޮންމެ ކަމެއްގައިމެ އެކަލާންގެއަށް އިޚްލާޞްތެރިވާނެކަން ވަނީ ހާމަކޮށްދީއެވެ.
"وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ"
"ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. ﷲ އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއް ފަހަރު ފުމެލައްވާ ހުއްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (މަޙްޝަރު ބިމުގައި) ބަލަބަލައި ތިބޭނެތެވެ."
ރަހިމުގެ ގުޅުމަކުން ނުވަތަ ބައިބޮޑުކަމަކުން މަންފާއެއް ކުރާ ވަރަށްވުރެ ޤިޔާމަތް ދުވަހުގެ ބިރުވެރިކަން މާބޮޑުކަން ޚުތުބާގައި ހަނދާންކޮަށްދީފައިވެއެވެ. އިންސާނާ އެންމެ ލޯބިވާ މައިންބަފައިންނާއި، އަނބިދަރީންނާއި އެއްބަނޑުއެއްބަފާ މީހުން، ގޮތް ހުސްވެފައިވާ ޙާލުގައި ފެނުނަސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެކަން ބުނެދިނެވެ.
މިކަން ބަޔާން ކޮށްދެއްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅުއްގެ މާނައިގައި ވެއެވެ. "(އެއީ ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. އެއުރެންކުރެ ކޮންމެ މީހަކަސް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ."
އިސްވެދިޔަ އުންމަތުގެ މީހުންނާއި ފަހުގެ އުންމަތްތަކުގެ މީހުން މަހްޝަރު ބިމަށް ޖަމާވެފައި ތިބޭ ހިނދު، އިރު ހުންނާނީ އެ މީހުންނާ މޭލަކަށް ކައިރިވެފައި ކަމަށް ރަސޫލާގެ އަރިހުން ސައްހަ ގޮތުގައި ސާބިތުވެގެންވާކަން މިއަދުގެ ޙުތުބާގައި ބުނެދީފައިވެއެވެ.
އަހަރެމެން ދިރިއުޅޭ ދުނިޔެ އާއި އިރާ ދެމެދު 93 މިލިއަނެއްހާ މޭލު ހުންނައިރު، ހޫނުގަދަ ދުވަސްތަކުގައި އެހާމެ ހޫނުގަދަ ކަމަށާއި ހޫނުގެ ސަބަބުން ކޮންމެ އަހަަރަކުހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު މަރުވާކަން ކިޔައިދިނެވެ.
އަދި ދުނިޔޭގެ ގަދަ ހޫނުގައި މީސްތަކުންގެ ޙާލަކީ މިއީ ކަމުގައިވާއިރު، ޤިޔާމަތް ދުވަހުގެ ގަދަ ހޫނުގައި ތިބޭ އިރު، މީސްތަކުންގެ ޙާލު ހުންނާނީ ކިހިނެއްތޯވަނީ ސުވާލު ކޮށްފައެވެ. އެދުވަހުން، މީސްތަކުންގެ ޢަމަލުތައް ހުންނަ ގޮތުން ، އެއްބަޔަކު ތިބޭނީ އެ މީހުންގެ ގައިން އޮހޮރޭ ދަލުގެ ތެރޭގައި ތަނބިކައްޓާ ހަމައަށް ކަމަށާއި އަނެއް ބަޔަކު އެ ބަޔެއްގެ ކަކުލާ ހަމައަށްކަން ބުނެދިނެވެ. އަދި އަނެއްބަޔަކު އެބައެއްގެ އުނަގަނޑާ ހަމައަށްކަމަށް ވަނީ ބުނެފައެވެ. އަނެއް ބަޔަކު ތިބޭނީ އެބަޔެއްގެ އަނގައާ ހަމައަށް ގެނބިފައިކަމުގައި ހާމަކުރިއެވެ. އެދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ނަޖާކުރައްވައި މާތް ﷲގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި އެކަލާންގެއަށް އަޅުކަންކުރުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާނާ ހިމެނޭކަން ފާހަގަކުރިއެވެ.
ﷲ ވަނީ ޒުވާނުން ޙާއްސަ ކުރައްވައިފައި ކަމަށާއި އެއީ ހެޔޮ އަމަލެއް ކުރުންކަމުގައި ވިޔަސް، ނުވަތަ ހަވާނަފުސު އެދި ގޮވާ ކަމެއް ކުރުންކަމުގައި ވިޔަސް، އެ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ޒުވާން އުމުރުގައި ކަމަށް ވާތީ ކަމަށް ބަޔާންކޮށްދީފައިވެއެވެ. އެހެން ކަމުން ހެޔޮކަންތައް ކުރުމަށް އަވަސްވެގަތުމަށާ އަދި ނުބައި ކަންކަމާ ދުރުހެލިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ އަދި ހަވާ ނަފުސުގެ މަގު ދޫކޮށް މާތް ﷲ ގެ މަގަށް އަވަސްވެގަތުމަށާއި ސަލާމަތުގެ މަގަކީ އެއީ ކަން ބަޔާންކޮށްދީފައިވެއެވެ.