ENGLISH
16 އޭޕްރީލު 2026
އަލަތު ކާފާ ދަރިފުޅު ލިބުނު އެންމެ ދުވަސްވީ މީހާގެ ރިކޯޑް އޮސްޓްރޭލިއާ މީހަކަށް
16 އޭޕްރީލު 2026
|
ޗާލްސް ސްމިތު އޭނާގެ ދަރިފުޅާއި ކާފަ ދަރިފުޅާއެކު-- ފޮޓޯ: ގިނިސް ވޯލްޑް ރެކޯޑްސް
އެންމެ މަޤްބޫލު
އޮސްޓްރޭލިއާގެ ބްރިސްބޭނަށް ނިސްބަތްވާ ޗާލްސް ސްމިތު އަކީ، ދުނިޔޭގައި އަލަތު ކާފަ ދަރިފުޅު ލިބުނު، އެންމެ ދުވަސްވީ މީހާގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑްސްއިން ރަސްމީކޮށް ބަލައިގެންފި އެވެ.
ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ ގިނިސް ވޯލްޑް ރެކޯޑްސްއިން އާންމުކުރި ތަފްސީލުތަކުގައިވާ ގޮތުން، ޗާލްސްގެ ފުރަތަމަ ކާފަ ދަރިފުޅު އައިލާ ސްމިތު 29 އޯގަސްޓް، 2025 ގައި އުފަންވިއިރު، ޗާލްސްގެ އުމުރަކީ 91 އަހަރާއި 209 ދުވަހެވެ. މިއާއެކު އޭނާ ވަނީ މީގެ ކުރިން އޮސްޓްރޭލިއާގެ މީހަކުގެ އަތުގައި އޮތް މިފަދަ ރެކޯޑު މުގުރާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފަ އެވެ.
ގިނިސްއަށް ދިން ރަސްމީ އިންޓަވިއުއެއްގައި ޗާލްސް ބުނެފައިވަނީ ކާފަޔަކަށް ވުމަކީ "އަޖައިބެއް ފަދަ އުފާވެރި އިހުސާސެއް" ކަމަށެވެ. އޭނާގެ ކާފަ ދަރިފުޅާ ފުރަތަމަ ބައްދަލުވި ވަގުތަކީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ވަގުތެއްކަން ފާހަގަކުރަމުން ޗާލްސް ބުނީ، އައިލާ އަތަށް ނެގުމަށްފަހު އަނބުރާ ދޭން ބޭނުންނުވި ކަމަށާއި، ނަމަވެސް ނެޕީ ބަދަލުކުރަން ޖެހުމުން އެކަން މަޖާ ކަމަކަށް ވީކަމަށެވެ.
ޗާލްސް ސްމިތު އޭނާގެ ކާފަ ދަރިފުޅާއެކު-- ފޮޓޯ: ގިނިސް ވޯލްޑް ރެކޯޑްސް
ޗާލްސްއަކީ އޭނާގެ އަމިއްލަ ދަރިފުޅު އޭޝްލީ އުފަންވިއިރު އުމުރުން 55 އަހަރުގެ މީހެކެވެ. މިކަމުގެ ސަބަބުން މި އާއިލާގެ ޖީލުތަކުގެ މެދުގައި އޮތް އުމުރުގެ ފަރަގު ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފަ އެވެ. ޗާލްސް ބުނާ ގޮތުގައި އޭނާއަށް "ގްރޭންޑްޕާ" ނުވަތަ "ގްރޭންޑޭޑް" ކިޔުމުގެ ބަދަލުގައި އޭނާއާ އެންމެ ގުޅެނީ "ޕޮޕީ" ކިޔުމެވެ.
ގިނިސ ވޯލްޑް ރެކޯޑްސްއިން މި ޚަބަރު ފާހަގަކޮށްފައިވަނީ ހަމައެކަނި އާދަޔާ ހިލާފު ރެކޯޑެއްގެ ގޮތުގައެއް ނޫނެވެ. އެއީ އާއިލީ ގުޅުމުގެ ވަރުގަދަ މިސާލެއްގެ ގޮތުގަ އެވެ. ޗާލްސް ބުނި ގޮތުގައި ރެކޯޑަކަށްވުރެ ބޮޑަށް އޭނާއަށް މުހިންމީ އައިލާއަކީ އޭނާގެ ކާފަ ދަރިފުޅަށް ވުމެވެ. "އެއީ މަގޭ ކާފަ ދަރިފުޅު... އެއީ މަގޭ އާއިލާ" އޭނާ ބުނެފައިވެ އެވެ.
އާންމުގޮތެއްގައި މީހުން ފުރަތަމަ ފަހަރަށް ކާފަ ނުވަތަ މާމަ ކިޔަން ފަށަނީ އުމުރުން 50 ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ. އެހެންކަމުން، ޗާލްސް ސްމިތުގެ މި ހާލަތަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ނުހަނު މަދުން ނޫނީ ނުފެންނަ ވަރަށް ތަފާތު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.
މީގެ ކުރިން އޮސްޓްރޭލިއާގައި މި ރެކޯޑު އޮތީ ޖެކް އެންޑަސަން އަތުގަ އެވެ. އޭނާ ފުރަތަމަ ފަހަރަށް ކާފައަކަށްވީ އޭނާގެ އުމުރުން 90 އަހަރުގައި، 2016 ވަނަ އަހަރު އެވެ. ޗާލްސް ސްމިތު މިވަނީ އެ ރެކޯޑު މުގުރާލައި، ދުނިޔޭގެ ތާރީޚުން ޖާގަ ހޯދާފަ އެވެ.