ENGLISH

21 ޖުލައި 2025

Advertisement

މާފަރު ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވައިފި

21 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ނ.މާފަރު ޕޮލިސް ސްޓޭޝަނުގެ ބިންގާ އެޅުން، ފޮޓޯ: ރަައީސުލްޖުމްހޫރިއްޔާގެ އޮފީސް

ނ.މާފަރު ޕޮލިސް ސްޓޭޝަަނުގެ ބިންގާ މިއަދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އަޅުއްވައިދެއްވައިފިއެވެ. 

މާފަރުގައި އަލަށް ގާއިމުކުރާ ޕޮލިސް ސްޓޭޝަަނުގެ މަސައްކަތް ފައްޓަވައިދެއްވައި އިމާރާތުގެ ބިންގާ އެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު މާފަރަަށް ކުރެއްވި ޒިޔާރަތުގައެވެ. 

މިއަދު މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ.މުޢިއްޒުގެ އިތުރަށް ބައެއް ވަޒީރުން ބައިވެރިވެވަޑައިގަތެވެ. އަދި މާފަރު ކައުންސިލުގެ ރައީސާއި އެހެނިހެން ކައުންސިލަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. 

މިނިސްޓަރު އިހުސާނުގެ އަރިހުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ފުލުހުންގެ ހިދުމަތުގެ އެހެނިހެން ބައެއް އިސްވެރިންވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. 

ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒު ހާސިލުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ސަރުކާރު އެކި ކުންފުނިތަކާ ހަވާލުކޮށްގެން ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

އެގޮތުން ސަރުކާރުންވަނީ 75 ރަށެއްގަައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން އެމްޓީސީސީއާ 15 ރަށެއްގައި ސްޓޭޝަންތައް އެޅުމަށް ވަނީ ހަވާލުކޮށްފައެވެ. އަދި އާރްޑީސީއާއި 20 ރަށެއްގެ ސްޓޭޝަން އެޅުމަށް ހަވާލުކޮށްފައިވާއިރު ފެނަކައާއި 40 ރަށެއްގެ ސްޓޭޝަން އެޅުމަށް ވަނީ ހަވާލުކޮށްފައެވެ.

މާފަރުގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ހިމެނެނީ މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައެވެ. 

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނި ގޮތުގައި  އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭ ރަށްތައް ފިޔަވައި، ފުލުހުންގެ ޚިދުމަތް ގާއިމުނުކުރެވިވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތަކާއެކު ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެން ދާނެއެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ، ޒަމާނީ މަރުކަޒުތައް ހުންނާނެ ކަމަށާއި، މިކަމުގެ ސަބަބުން ފުލުހުންގެ ބަޖެޓުގެ ރިކަރަންޓް ހަރަދު ކުޑަވެ، ހިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު