ENGLISH

21 ޖުލައި 2025

Advertisement

އެފްޑީސީގެ 4،000 ހައުސިން ޔުނިޓު ނިމުމަކާ ހަމައަށް؛ ރައީސް މުޢިއްޒުގެ ހަލުއިކަމުގެ ހެއްކެއް

21 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކުރި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ރައީސް ބައްލަވައިލައްވަނީ، ފޮޓޯ: ރައީސް އޮފީސް

އަންނަ ސެޕްޓެންބަރު މަހުގެ ނިޔަލަށް އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުތައް ހައްގުވެރިންނާ ހަވާލުކޮށް ނިންމައިލެވޭއިރު، މިހާތަނަށް އެތަންތަނުގައި ކުރަން ހުރި މަސައްކަތުގެ ބޮޑު ބައި މި ސަރުކާރުން ވަރަށް ހަލުއިކޮށް ނިންމާފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓާ ހަމްދާން ޝަކީލު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެ  4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރަމުންދިޔައީ ޒޯންތަކަކަށް ބަހާލަައިގެން ކަމަށެވެ. އަދި އެ ޒޯންތަކުގެ ތެރެއިން ފުރަތަމަ ޒޯން ފިޔަވައި އެހެނިހެން ޒޯންތަކުގެ މަސައްކަތް ކުރެވިފައި އޮތީ ވަރަށް ކުޑަކޮށް ކަމުގައި ހަމްދާން ވިދާޅުވިއެވެ. 

އެގޮތުން ފާއިތުވި ސަރުކާރުގައި މަޝްރޫއު ފަށައިގެން 669 ދުވަހުގެ ތެރޭގައި ކުރިއަށްގެންދެވުނީ އެންބީސީސީއާ ހަވާލުކޮށްގެން އަޅަމުންދާ 2،000 ހައުސިން ޔުނިޓުގެ 38 އިންސައްތަ މަސައްކަަތްކަމަށާއި، ކޭޕީއެލްއާ ހަވާލުކޮށްގެން ބިނާކުރާ 2،000 ހައުސިން ޔުނިޓުގެ 45 އިންސައްތަ ކަމުގައި އޭނާ ވިދާޅުވިއެވެ. 

ހަމްދާން ވިދާޅުވީ މި ސަރުކާރުން ހަވާލުވި ދުވަހުން ފެށިގެން ކޮންމެ މަހަކު މަސައްކަތް ކުރިއަށްދާ މިންވަރު 1.73 އިންސައްތައިން 2.78 އިންސައްތައަށް އިތުރުކުރެވުނު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ދެ މަޝްރޫއުގެ މަސައްކަތްވެސް 98 އިންސައްތައާ ހަމައަށް ނިންމާލެވިފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ. 

އިތުރަށް މަސައްކަތުގެ ދުވެލި ވިދާޅުވެދެއްވަމުން ހަމްދާން ވިދާޅުވީ އެމްޑީޕީގެ ސަރުކާރަށް 669 ދުވަހުން ކޭޕީއެލް މަޝްރޫއުގެ 38 އިންސައްތަ ނިންމައިލެވުނުއިރު، މި ސަރުކާރުން މަޝްރޫއުގެ ދުވެއްޔަށް ގެނައި ހަލުއިކަމާއެކު އަށް މަސްދުވަހުން އިތުރު 38 އިންސައްތަ މަސައްކަތް ނިންމައިލި ކަމަށެވެ. 

އެއިރު މަޝްރޫއު ލަސްވެގެންދިޔަ މައިގަނޑު ސަބަބަކީ ރޭވުންތެރިކަމެއް ނެތުމާއި، ގިނަ އަދަދެއްގެ ކުދިކުދި މައްސަލަތައް ހައްލުނުކުރެވި ތޮއްޖެހިގެންދިއުން ކަމުގައި ހަމްދާން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަތައް ހައްލުކުރުމަށް އިދާރީ ގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. 

"ހަގީގަތުގައި ކަންކަން ފަސްޖެހިފައި އޮތީ ރޭވުންތެރިކަމެއް ނެތީމާ. ރޭވުންތެރިކަމެއް ނެތީމާ ބައިވަރު ކުދިކުދި މައްސަލަ މިއޮންނަނީ އެޑްރެސްނުކުރެވި ނުބެލި. އަޅުގަނޑުމެންވާނީ އިދާރީ ހިންގުން ހަރުދަނާކޮށް، ޓެކްނިކަލް މައްސަލަތަކާއި އެހެނިހެން މައްސަލަތައް ކޮންމެ ހަފުތާއަކު ނިންމައިލެވޭނެ އިންތިޒާމު ހަމަޖައްސާފަައި،" ހަމްދާން ވިދާޅުވިއެވެ. 

ހަަމްދާަން އިތުރަށް ވިދާޅުވީ މިފަދަ މަޝްރޫއެއް ހިންގުމުގައި ސަރުކާރުގެ އެކި އިދާރާތަކުގެ ބައިވެރިވުން އޮތުން ވަރަށް މުހިއްމު ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުގެ އެކި އިދާރާތަަކުން މަޝްރޫއުގެ ކަންކަން ފަހިކުރުމަށް ގިނަ ކަންކަން ހަމަޖެހިގެންދިޔަ ކަމުގައި އޭނާ ވިދާޅުވިއެވެ. 

އެގޮތުން އެމްޕީއެލްއާއި ފިނޭންސް މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ކަސްޓަމްސްއާ ގުޅިގެން މަޝްރޫއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ހަލުއިކޮށް އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިއުމުގެ ސަބަބުން މަޝްރޫއުގެ މަސައްކަތް އަވަސްވިކަމަށް ހަމްދާން ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު