ENGLISH

21 ޖުލައި 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

21 ޖުލައި 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާފަރަށް ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް

މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫއަށް ވަޑައިގަންނަވާނެއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައިވެސް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.

ދަތުރުފުޅުގައި ނ. އަތޮޅުގެ ރަށްތަކުގައި ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތައް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓެވުމާއި ޕޮލިސް ޕޯސްޓް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުން ހިމެނެއެވެ. މީގެ އިތުރުންވެސް ރަށްރަށަށް ސްކޫލްތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވައިގެން ކުރައްވަން އެކަށައަޅުއްވާފައިވާ ބައެއް މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފައްޓަވައިދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގައި ރަށްރަށަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

‎މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު