ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލް ކުރިއަށްދާއިރު ޖުމްހޫރީ މައިދާން ސަރަޙައްދު ބަންދުވާނެ

20 ޖުލައި 2025

|

ޢަލީ ޝަހީމް

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލްއަށް މިއަދުގެ ވަކި ގަޑިތަކެއްގައި ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދު ބަންދުކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ. 

ދިވެހި ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، ރިހާސަލް ނިމެންދެން މިއަދު ހަވީރު 16:00 އިން 18:00 އަށް އަދި މިރޭ 20:00 އިން ފެށިގެން ބަންދުކުރަން ނިންމާފައިވާކަމަށެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހަރަކާތްތައް އިންތިޒާމުކުރަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންނެވެ. މިނިވަން ދުވަހުގެ ހަރަކާތްތަކަށް މިމަހުގެ 10 އިން 25 ގެ ނިޔަލަށް ޖުމްހޫރީ މައިދާން ވަނީ އާއްމުންނަށް ބަންދުކޮށްފައެވެ. 

މިނިވަން ދުވަހާ ގުޅުވައިގެން ޖުލައި 26 ވާ ހޮނިހިރު ދުވަހު އޮންނާނީ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތެވެ. އެ ހަރަކާތް ޖުމްހޫރީ މައިދާން ސަރަޙައްދުގައި އޮންނާނީ އެދުވަހުގެ ހެނދުނު 6:00 ގައެވެ. 

އެމްއެންޑީއެފްގެ ޢަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑު އަދި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓުކޯގެ ޕެރޭޑާއި ރޫޓުމާޗު ޖުލައި 26 ވަނަ ދުވަހު މާލޭގައި އޮންނައިރު ޖުލައި 27 ވަނަ ދުވަހު އެ ހަރަކާތް އޮންނާނީ ހުޅުމާލޭގައެވެ. މާލެ އާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑް ކުރިއަށްދާނީ ހަވީރު 4:15 އިން ފެށިގެންނެވެ. 

މިނިވަން ދުވަހު ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް، މިނިވަން ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައެވެ. 

ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ މިފަހަރުގެ މިނިވަން ދުވަސް ހާއްސަވާ އަނެއް ސަބަބަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލް ރަސްމީކޮށް ހުޅުވުމެވެ. އަދި، މިނިވަން ދުވަހުގެ ހަރަކާތްތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި މަހުގެ 25 ވަނަ ދުވަހު ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު