ENGLISH
10 ސެޕްޓެމްބަރު 2025
32 ބައިވެރިންނާއެކު، "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
20 ޖުލައި 2025
|
ފޮޓޯ: ޔޫތު މިނިސްޓްރީ
ޚަބަރާއި މަޢުލޫމާތު ފެތުރުމުގައާއި އެކި މަންސަތަކުގައި އެކި ފަރާތްތަކުން ފަތުރާ ޚަބަރާއި މަޢުލޫމާތުގެ ތެދުދޮގު ދެނެގަންނާނެ ގޮތް ދަސްކޮށްދިނުމަށް ހިންގާ "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގްރާމް ރ. ދުވާފަރުގައި ކުރިއަށްގެންގޮސްފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ސިލްސިލާ ޕްރޮގްރާމް، މި އަހަރު ރ. އަތޮޅުގައި ބާއްވާފައިވާއިރު، މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ނ. ރ އަދި ބ އަތޮޅުގެ އޮންލައިން އަދި ބްރޯޑްކާސްޓް މީޑިއާ އަދި ނޫސްވެރިންގެ އިތުރުން އިޖުތިމާޢީ މަސައްކަތް ކުރާ އެންޖީއޯތަކާއި އެ އަތޮޅުތަކުގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކައުންސިލް އިދާރާތަކަށެވެ.
ޖުމްލަ 32 ބައިވެރިންނާއެކު މި މަހުގެ 17 އިން 19 އަށް ދުވާފަރުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނ އަތޮޅު ހޮޅުދޫގެ އިތުރުން ރ އަތޮޅުގެ 13 ރަށަކުން ބައިވެރިވި ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމުގައި ވަނީ، އެކިއެކި މަންސަތަކުގައި ފެތުރެމުންދާ އަދި ގަސްދުގައި ފަތުރާ ޚަބަރާއި މަޢުލޫމާތުގެ ސައްހަކަން ދެނެގަންނާނެ ގޮތްތަކާއި އެ މަޢުލޫމާތަކާ ގުޅިގެން އެ ބަޔަކު ނިސްބަތްވާ މުޖުތަމަޢުގައި ބައިވެރިންނަށް އަމަލު ކުރެވިދާނެ އަދި އަދާކުރެވިދާނެ ދައުރާ ގުޅޭ މައުލޫމާތުދީފައެވެ. އަދި ނޫސްވެރިކަމުގެ ޢާންމު ހަމަތަކާއި، ތަހުޤީޤީ ނަޒަރިއްޔާއަކުން ކަންކަން ދެނެގަންނާނެ ގޮތްތަކާއި، އައު ޓެކްނޮލޮޖީގެ އެހީގައި ސައްހަ މައުލޫމާތު ދެނެގަނެވޭނެ ގޮތްވެސް މި ޕްރޮގްރާމުގައި ކިޔައިދީފައި ވެއެވެ.
މީގެ އިތުރުން، ލިޔެކިއުމާއި ބަސްމޮށުމުގައި ދިވެހި ބަސް ބޭނުންކުރަންޖެހޭ ހަމަތައް ދަސްކޮށްދީ، ބަހުގެ ހަމަތަކަށް އަހުލުވެރިކުރުމުގެ ސެޝަނެއްވެސް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހުރިހާ ސެޝަންތަކެއްވެސް ނަގައިދެއްވާފައިވަނީ އެ ދާއިރާތަކުގެ ތަޖުރިބާކާރުންނެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ވެސް "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގްރާމް އަތޮޅުތަކުގައި ކުރިއަށްގެންގޮސްފައެވެ.