ENGLISH
10 ސެޕްޓެމްބަރު 2025
ކަސްޓަމަށް ނުލިބިހުރި އިމްޕޯޓު ޑިއުޓީގެ %17 އަކީ ނުދައްކާތާ ފަސް އަހަރަށްވުރެ ދުވަސްވެފައިވާ ފައިސާ
20 ޖުލައި 2025
|
މޯލްޑިވްސް ކަސްޓަމްސްއަށް ލިބެންޖެހޭ 477 މިލިއަން ރުފިޔާ ނުލިބި އެބަހުރި
މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއަށް 2022 ވަނަ އަހަރުގެ ނިޔަލަށް ނުދައްކައި ހުރި އިމްޕޯޓު ޑިއުޓީގެ %17 އަކީ ނުދައްކާތާ ފަސް އަހަރަަށްވުރެ ގިނަ ދުވަސްވެފައިވާ ފައިސާކަން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކަސްޓަަމްސްގެ އޮޑިޓު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން 2022 ވަނަަ އަހަރުގެ ނިޔަލަށް ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 477.9 މިލިއަން ރުފިޔާ ނުލިބި ހުއްޓެވެ. އެ ފައިސާގެ ތެރެއިން 83.31 އިންސައްތައަކީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ނުދައްކާ ހުރި ފަައިސާއެވެ. އަދި 16.16 އިންސައްތައަކީ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން ނުދައްކާ ހުރި ފައިސާއެވެ.
އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައްކަަންޖެހި ކަސްޓަމަށް ނުދައްކައި ހުރި ފައިސާގެ އަދަދު 2022 ވަނަ އަހަރުގެ ނިޔަލަށް 398،154،111 (ތިންސަތޭކަ ނުވަދިހައަށް މިލިއަން އެއްލައްކަ ފަންސާސްހަތަރުހާސް ސަތޭކަ އެގާރަ) ރުފިޔާއަށް އަރައެވެ. އަދި ޖޫރިމަނާގެ ގޮތުގައި ނުދައްކާ ހުރި ފައިސާގެ އަދަދު 77،226،371 (ހަތްދިހަ ހަތް މިލިއަން ދެލައްކަ ސައްބީސްހާސް ތިންސަތޭކަ ހަތްދިހަ އެއް) ރުފިޔާއަށް އަރައެވެ.
ކަސްޓަމަށް ނުލިބި ހުރި އިމްޕޯޓު ޑިއުޓީގެ ތެރެއިން 34.3 މިލިއަން ރުފިޔާއަކީ ނުދައްކާ ހުންނަތާ އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ފާއިތުވެފައިވާ ފައިސާއެވެ. 111.7 މިލިއަން ރުފިޔާއަކީ ނުދައްކާތާ ދެ އަހަރާއި ތިން އަހަރާ ދެމެދުގެ މުހުލަތެއް ފާއިތުވެފައިވާ ފައިސާއެވެ. އަދި ނުދައްކާތާ ހަތަރު ތިން އަހަރާއި ހަތަރު އަހަަރާ ދެމެދުގެ މުއްދަތެއް ފާއިތުވެފައިވާ 104.6 މިލިއަން ރުފިޔާއެއް ހުރިއިރު 70.8 މިލިއަން ރުފިޔާއަކީ ނުދައްކާތާ ހަތަރު އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއްވީ ފައިސާއެވެ.
އަދި އިމްޕޯޓު ޑިއުޓީގެ ގޮތުގައި ކަސްޓަމަށް ނުލިބި ހުރި ފައިސާގެ 17 އިންސައްތަ ކަމުގައިވާ 76.8 މިލިއަން ރުފިޔާއަކީ ނުދައްކާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފައިސާއެވެ.
މި ހިސާބުތަކަށް ބަލާއިރު ކަސްޓަމަށް ލިބެންޖެހޭ 398 މިލިއަން ރުފިޔާއިން 322.6 މިލިއަން ރުފިޔާއަކީ އެ ފައިސާ ނުލިބި ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފައިސާކަން އޮޑިޓު އޮފީހުން ފާހަގަކުރިއެވެ.
އޮޑިޓު އޮފީހުންވަނީ ކަސްޓަމަަށް މި ފައިސާ ނުލިބި ދިގުލައިގެންދާ ސަަބަބުތައްވެސް ފާހަގަކޮށްފައެވެ. އެގޮތުން 2014 ވަނަ އަހަރާއި 2019 އަހަރާ ދެމެދުގައި ކޯޓުން ހުކުމްކުރި 19 މައްސަލައެއްގެ ހުކުމް ތަންފީޒުނުކުރެވުމުގެ ސަބަބުން 122 މިލިއަން ރުފިޔާ ނުލިބި އެބައޮތެވެ.
އަދި މަދަނީ ކޯޓުން 2022 ވަނަ އަހަރާ ހަމައަށްކުރި ހުކުމްތަކާ ގުޅިގެން ކަސްޓަމަށް ލިބެންޖެހޭ 36 މިލިއަން ރުފިޔާ ހޯދަން ހުކުމް ތަންފީޒުނުކޮށް ދިގުލައިގެންގޮސްފައިވުމުގެ ސަބަބުން އެ ފައިސާވެސް ނުލިބެއެވެ. އަދި 1.9 މިލިއަން ރުފިޔާގެ ދެ މައްސަލައެއް 2019 ވަނަ އަހަރު ބަންޑާރަނައިބުގެ އެޮފީހަށް ކަސްޓަމުން ފޮނުވި ނަމަވެސް އެ ދެ މައްސަލާގައި އޭޖީ އޮފީހުން ގޮތެއް ނިމިފައިނުވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ނުކުރެވި އޮތްކަން އޮޑިޓު އޮފީހުން ފާހަގަކުރިއެވެ.