ENGLISH
10 ސެޕްޓެމްބަރު 2025
ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
20 ޖުލައި 2025
|
މައްސަލއިގައި ހައްޔަރުކޮށްފައިވާ ދެ މީހުން-- ފޮޓޯ: ޕޮލިސް
ވައިގެ މަގުން ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ލީޑް، މުޙައްމަދު ހުމާމް ޙަސަން ނަޢީމް (29އ) ގެ އިތުރުން، މާލެ / މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް (53އ) ކަމަށާއި މި ދެ މީހުންވެސް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ވައިގެބަނދަރު ހިމެނޭ ސަރަހައްދުން ކަމަށް، ފުލުހުން މައުލޫމާތުދީފައިވެއެވެ.
ހިނގަމުންދާ ޖުލައި މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް، ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. އަދި، މި ތަކެތީގެ ވަގުތީ ބަތުދަނަކީ 52.2 ގުރާމު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުމާމް ޙަސަން ނަޢީމުގެ ބަންދަށް 10 ދުވަސް އަދި ޢަބްދުﷲ އިބްރާހީމްގެ ބަންދަށް 15 ދުވަސް ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ކުޅުދުއްފުށި ސިޓީ ޕޮލިހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.