ENGLISH
25 ނޮވެމްބަރު 2024
ނަތަންޔާހޫ ހައްޔަރުކުރަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އަމުރު ނެރެފި
21 ނޮވެމްބަރު 2024
|
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ.
އެންމެ މަޤްބޫލު
އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން މިއަދު އަމަރު ނެރެފި އެވެ.
ނަތަންޔާހޫއާ އެކު އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރާއި ހަމާސް ޖަމާއަތުގެ އަސްކަރީ ކޮމާންޑަރު ހައްޔަރު ކުރުމަށް ވެސް ވަނީ އަމުރު ނެރެފައެވެ.
ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ހަރުކަށި ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުުކުރުމުގެ އަމުރަކަށް މިދިޔަ މެއި މަހު އެދުނީ އައިސީސީގެ ޕްރޮސެކިޔުޓާ ކަރީމް ޚާން އެވެ. އޭނާ އެދުނު އަމުރުގައި ހަމާސްގެ ކުރީގެ ލީޑަރުން ކަމަށްވާ އިސްމާއިލް ހަނިއްޔާ އާއި ޔަހުޔާ ސިންވާރު ވެސް ހިމެނެއެވެ. ނަމަވެސް އެ ދެ މީހުން ވެސް މިހާރު ވަނީ ޝަހީދުކޮށްލައިފައެވެ. އެއީ ފަލަސްތީނުގައި ހިންގަމުންދާ އުދުވާނާއި، މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެންނެވެ.
ނަތަންޔާހޫ (ވ)، ގަލަންޓް އަދި ޒައިފް
ހަމާސްގެ އަސްކަރީ ކޮމާންޑަރު މުހައްމަދު ޒައިފް ހައްޔަރު ކުރަން އައިސީސީން އަމުރު ނެރުނު ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ މިދިޔަ ޖުލައި މަހު ދިން ހަމަލާގައި އޭނާ ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ.
އައިސީސީގެ ފަނޑިޔާރުން ބުނެފައި ވަނީ ހައްޔަރު ކުރުމުގެ އަމުރު ނެރުނު ތިން މީހުންނަކީ ހަމާސް-އިޒްރޭލް ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ޒިންމާ އުފުލަން ޖެހޭ މީހުން ކަމަށެވެ.
އައިސީސީގެ އަމުރު އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ކުށްވެރިކޮށްފައެވެ. ނަމަވެސް ހަމާސް އިން ބުނެފައި ވަނީ ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކީ މުހިންމު ނިންމުމެއް ކަމަށެވެ.
އައިސީސީގައި 124 މެންބަރު ގައުމު ހިމެނޭއިރު މިއިން ގައުމަކަށް ނަތަންޔާހޫ އާއި ގަލަންޓް ދަތުރުކޮށްފި ނަމަ ހައްޔަރުކުރުމުގެ ބާރު ލިބެއެވެ. ނަމަވެސް އިޒްރޭލާއި އެ ގައުމުގެ ބައިވެެރިޔާ އެމެރިކާ އަކީ އައިސީސީގެ މެންބަރުންނެއް ނޫނެވެ.
ނަތަންޔާހޫ އެންމެ ފަހުން ދަތުރުކުރެއްވީ މި އަހަރުގެ ޖުލައި މަހު އމެރިކާއަށެވެ. މިދިޔަ އަހަރު ނަތަންޔާހޫ ވަނީ ވަރަށް ގިނަ ގައުމުތަކަށް ދަތުރު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް ވެސް ހިމެނެ އެވެ.