ENGLISH
20 ޖުލައި 2025
މަސްތުވާތަކެއްޗާއެކު ފުލުހަކާ ކުރީގެ ނޫސްވެރިއަކު ހައްޔަރު، ދެ މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް
20 ޖުލައި 2025
|
މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުން --
މަސްތުވާތަކެއްޗާއެކު ފުލުހަކާ ކުރީގެ ނޫސްވެރިއަކު ހައްޔަރު ކޮށްފައިވާއިރު އެ ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އާއި ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) އެވެ. އެދެމީހުންގެ ތެރެއިން އައިޝަތު ޝިޔާޒާއަކީ ފުލުހެކެވެ. އަދި މި މައްސަލައާ ގުޅިގެން އައިޝަތު ޝިޔާޒާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކުރެވިފައެވެ.
ސައިފު އަކީ ކުރީގެ ނޫސްވެރި އެކެވެ.
ފުލުހުން ބުނީ މި ދެ މީހުން ހައްޔަރު ކުރީ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ކަމަށެވެ. އަދި އެ މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ވަނީ ކޯޓްގައި ބުނެފަ އެވެ.
އެ ދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވިޔަފާރަވެރިންގެ މިސްކިތް ކައިރިންނެވެ.
އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވެ އެވެ. މިމައްސަލައާ ގުޅިގެން އައިޝަތު ޝިޔާޒާއަށް 5 ދުވަސް އަދި ސައިފުﷲ އަޙްމަދަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފަ އެވެ.