ENGLISH

20 ޖުލައި 2025

Advertisement

ވީއައިއޭގެ ކާރު ކިއު އަށާއި ޑޮމެސްޓިކް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރަންޖެހޭ ތަނަށް ބަދަލު ގެނެސްފި

19 ޖުލައި 2025

|

މުޙައްމަދު އަދުހަމް

ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ކާރު ކިއު އަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ ތެރެއިން. --ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅިގެން އެއާޕޯޓުގެ ކާރު ކިއު އަށާއި އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ކާރުތައް މަޑުކުރަންޖެހޭ ތަނަށް ބަދަލު ގެންނަން ނިންމައިފިއެވެ.

އެގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ގެންނަން ނިންމާފައިވާ މި ބަދަލާ ގުޅިގެން ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ކާރުތަކަށް މަޑުނުކުރެވޭނެ ކަމަށެވެ.

އޭގެ ބަދަލުގައި ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ކާރުތައް މަޑުކުރާނީ އިންޓަރނޭޝަނަލް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ކަމަށެވެ.

އަދި، އެމްއޭސީއެލް އިން ވަނީ، ހުޅުލޭގެ ދެކުނު ފަރާތުގައި އޮންނަ ކާރު ކިއު، ޑޮމެސްޓިކް ޓާމިނަލް ކައިރީގައި އޮންނަ ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ބަދަލުކުރުމަށް ނިންމާފައެވެ. އެތަނުގައި ކިއު ބެލެހެއްޓުމުގެ ކަންކަން އެ ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސަސް (އީއެސްއެސް) އިން ކުރިއަށްގެންދާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

މީގެއިތުރުން، ވީއައިއޭ އަށް އަންނަ އެމްޓީސީސީގެ ބަސްތައް މީގެފަހުން މަޑުކުރުމަށް ހަމަޖެހިފައިވަނީ ކޯޕަރޭޓް އޮފީސް ފަހަތުގައި އޮންނަ ބަސްހުއްޓި އަށް އެކަނި ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު