ENGLISH
19 ޖުލައި 2025
ބީއެމްއެލްގެ ހިދުމަތް ހުރިހާ އަތޮޅަކަށް؛ 40 ވަނަ ބްރާންޗު ދުވާފަރުގައި
19 ޖުލައި 2025
|
ބީއެމްއެލްގެ 40 ވަނަ ބްރާންޗު ހުޅުވުމުގެ ރަސްމިއްޔާތު، ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތް ހުރިހާ އަތޮޅަކަށް ފުޅާކޮށް އެ ބޭންކުގެ 40 ވަނަ ބްރާންޗު ރ.ދުވާފަރުގައި ހުޅުވައިފިއެވެ.
ދުވާފަރުގައި ގާއިމުކުރި ބްރާންޗުގެ އިމާރާތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ ޑރ.އަބްދުﷲ މުއްތަލިބެވެ. އެ ބްރާންޗު ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަަބީބާއި، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އެންޑް ޗީފް އޮޕަރޭޓިން އޮފިސަރ ސަހާ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ދުވާފަރުގައި ހުޅުވި އައު ބްރާންޗަކީ "އިސްލާމިކް ފައިނޭންސިން ފަސްޓް" ސިޔާސަތުގެ ދަށުން އިސްލާމީ މާލީ ހިދުމަތްތަކަށް އިސްކަންދީގެން މަސައްކަަތްކުރާ ތަނެއްކަމަށް ބޭންކުން ބުނެފައިވެއެވެ.
މި ބްރާންޗާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބީއެމްއެލްގެ ބްރާންޗުތައް ގާއިމުކުރެވުނީއެވެ. މިހާރު ބޭންކުން ހިދުމަތްދޭ 40 ގޮތްޕާއި، 133 ސެލްފް ސާވިސް ސެންޓަރާއި، 188 އޭޓީއެމް ހުންނާނެއެވެ. އޭގެ އިތުރަށް އޭޖެންޓް ބޭންކިން ހިދުމަތްތަކާއި ޒަމާނީ ޑިޖިޓަލް ބޭންކިން ހައްލުތައް ފުޅާދާއިރާއެއްގައި ބޭންކުން ފޯރުކޮށްދެއެވެ.
ބީއެމްއެލްގެ ފުރަތަމަ ގޮތްޕެއް މާލޭގައި ގާއިމުކުރެވުނީ 1982 ވަނަ އަހަރުއެވެ. އޭގެ ފަހުން ބޭންކުން އަންނަނީ ފޯރުކޮށްދޭ ހިދުމަަތްތައް ފުޅާކޮށް، މާލީ ހިދުމަތްތަކަށް އާއްމުންނަށް ވާސިލުވެވޭ ގޮތްތައް ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ބޭންކުގެ ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ބޭންކުގެ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.