ENGLISH

19 ޖުލައި 2025

Advertisement

ޓާމިނަލް މަސައްކަތަށް ނެގީ 400 މިލިއަން ޑޮލަރުގެ ލޯނު؛ އަނބުރާ ދެއްކޭނެކަން ޔަގީން

19 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ވީއައިއޭގެ އައު ޓާމިނަލް. ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލަ އެއާޕޯޓުގެ އައު ފަސިންޖާ ޓާމިނަލުގެ މަސައްކަތަށް ހުރިހާ ސަރުކާރުތަކުން ނެގި ލޯނުގެ ޖުމްލަ އަދަދަކީ 400 މިލިއަން ޑޮލަރުކަމަށްވާއިރު، ޓާމިނަލާއި އެއާޕޯޓުގައި އަލަށް ގާއިމުކުރެވުނު ބިނާރުތަކާއެކު އެއާޕޯޓުން ލިބޭ އާމްދަނީ އިތުރުވުމާއެކު އެ ފައިސާ ދައްކަން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް އެ ފައިސާ ދައްކައި ހަލާސްކުރެވޭނެ ކަމުގެ ޔަގީންކަަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ދީފިއެވެ. 

ފިނޭންސް މިނިސްޓްރީން ބައެއް މީޑިޔާތަކާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ވީއައިއޭގެ ޓާމިނަލުގެ މަސައްކަތް ކުރުމަށް ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ އަދަދު އަރަނީ 400 މިލިއަން ޑޮލަރަށެވެ. 

ޓާމިނަލް އެޅުމަށް ނަގާފައިވާ ލޯނުތަކަށް ބަލާއިރު 2016 ވަނަ އަހަރު 272 މިލިއަން ޑޮލަރު ނަގާފައިވެއެވެ. އެއީ: 

ކުވައިތު ފަންޑް އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓުން ނަގާފައިވާ 50 މިލިއަން ޑޮލަރާއި، އެ އަހަރު ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން ނަގާފައިވާ 100 މިލިއަން ޑޮލަރާއި، އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓުން ނެގި 50 މިލިއަން ޑޮލަރެވެ. 

އޭގެ ފަހުން އައި ދައުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރު ކުވައިތު ފަންޑުން އިތުރު 50 މިލިއަން ޑޮލަރު ނެގިއެވެ. 

ރައީސް ޔާމީނުގެ ވެރިކަމަށްފަހު މަޝްރޫއު ވަރަށް މަޑުމަޑުން ހިނގަހިނގައި އޮތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި 2024 ވަނަ އަހަރު ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 100 މިލިއަން ޑޮލަރު އަދި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން އިތުރު 40 މިލިއަން ޑޮލަރާއި މި އަހަރު ސައުދީ ފަންޑުން ނެގި 17 މިލިއަން ޑޮލަރާއެކު 157 މިލިއަން ޑޮލަރު ނަގާފައިވެއެވެ. 

ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ތަރައްގީކުރާ ޓާމިނަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަަރައްގީކުރާ ޓާމިނަލެކެވެ. އެ ލޯނުތައް ނަގާފައިވަނީ އުޚުއްވަތްތެރި އިސްލާމީ ގައުމުތަކުންނެވެ. ހުރިހާ ލޯނެއްވެސް ނަގާފައި ހުރީ ކުޑަ އިންޓަރެސްޓު ރޭޓުގައި ދިގު މުއްދަތުން ދައްކާ ގޮތަށެވެ. ގިނަ ލޯނުތައް ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. 

ލޯނު ދެއްކޭނެކަން އެމްއޭސީއެލްއަށް ޔަގީން

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ އިބްރާހީމް ޝަރީފު އިއްޔެ ޕީއެސްއެމްގެ ހޭޔަމްބޯއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެމްއޭސީއެލުން ނަގާފައިވާ ލޯނުތައް ދެއްކުމުގެ ގާބިލުކަން އެ ކުންފުނީގައި އެބަހުރި ކަމަށެވެ. 

އެގޮތުން އެ ކުންފުނިން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކަކުން ބޮޑު އާމްދަނީއެއް ކުންފުންޏަށް ލިބެމުންދާކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ ފުލައިޓުތަކަށް ތެޔޮ އެޅުމާއި ސީ ޓު އެއާ ކާގޯއާއި އާއްމު އެއާ ކާގޯގެ ހިދުމަތް ފަދަ އެތއް ވިޔަފާރިއެއް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އައު ޓާމިނަލާއެކު މިހާރު ޑިއުޓީ ފްރީއާއި އެފްއެންބީގެ ހިދުމަތްތަކުން ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް އެ ހިދުމަތްތަކުން ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

އަދި ޓާމިނަލުގެ ސަބަބުން އަންނަ އެއާލައިންތަކުގެ އަދަދުވެސް އިތުރުވާނެކަން އޭނާަ ފާހަގަކުރެއްވިއެވެ. އަދި މިހާރު ދަތުރުކުރާ އެއާލައިންތަކުގެ ޝެޑިއުލް ފުލައިޓުތައް މިހާރަށްވުރެ އިތުރުވާނެ ކަމުގައިވެސް ޝަރީފު ވިދާޅުވިއެވެ. 

އެހެންކަމުން އައު ޓާމިނަލާއި އެއާޕޯޓުގައި މިހާރު ގާއިމުކުރެވިފައި ހުރި އައު ވަސީލަތްތަކާއެކު ކުންފުނީގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ޔަގީންކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު