ENGLISH
19 ޖުލައި 2025
ބޭރު ފައިސާގެ އައު ސިޔާސަތު: ޑޮލަރުގެ އާމްދަނީން ބޭންކުތަކަށް ވަންނަ މިންވަރު %21 މައްޗަށް
19 ޖުލައި 2025
|
ބޭރު ފައިސާގެ ސިޔާސަތަށް ގެނައި ބަދަލުގެ ހެޔޮ އަސަރު ދަނީ ފެންނަމުން
ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުމާއެކު ބޭންކުތަކަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީން ބޭންކުތަކަށް ވަންނަ ބޭރު ފައިސާގެ އަދަދު 21 އިންސައްތައަށް އިތުރުވެފައިވާކަމަަށް މަރުކަޒީ ބޭންކުން ބުނެފިއެވެ.
މަރުކަޒީ ބޭންކުން މީޑިޔާއާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ބޭރު ފައިސާ މާރުކުރުން ލާޒިމުކުރި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކުތަކަށް މާރުކުރި ޑޮލަރުގެ އަދަދު 364 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. އަދި މަރުކަޒީ ބޭންކުން ބުނެފައިވަނީ ފާއިތުވި ހަތަރު އަހަރު ރާއްޖޭގެ ބޭންކުތަކަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މާރުކޮށްފައިވަނީ އެ ވިޔަފާރިތަކަށް ލިބުނު އާމްދަނީގެ އެންމެ 10 އިންސައްތަ ކަމުގައެވެ.
ނަމަވެސް ގާނޫނަށް ގެނައި ބަދަލާއެކު ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުމާ ގުޅިގެން މިހާރު ވިޔަފާރިތަކުގެ ބޭރު ފައިސާ އާމްދަނީން މާރުކުރާ މިންވަރު 21 އިންސައްތައަށް އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
ބޭރު ފައިސާއިން މާރުކުރާ ފައިސާގެ 90 އިންސައްތަ މަރުކަޒީ ބޭންކަށް ގެނައުމަށްފަހު، އެ ފައިސާގެ 30 އިންސައްތަ ބޭންކުތަކަށް މަރުކަޒީ ބޭންކުން އަންނަނީ ދޫކުރަމުންނެވެ. ބާކީ ހުރި ފައިސާ ބޭނުންކުރަނީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މަރުކަޒީ ބޭންކަށް ގެންނަ ފައިސާގެ 30 އިންސައްތަ އަނބުރާ ބޭންކުތަކަށް ދޫކުރައިރު ބޮޑަށް އިސްކަންދެނީ އާއްމު ފަރުދުންނާއި ވިޔަފާރިތަކަށް ޑޮލަރުން އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ބޭންކުތަކަށެވެ. ނަތީޖާއެއްެގެ ގޮތުން އެ ބޭންކުތައް މެދުވެރިކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ޓީޓީ ހެދުމަށް 30 އިންސައްތައާ ހަމައަށް މިހާރު ޑޮލަރު އަންނަނީ ފޯރުކޮށްދެމުންނެވެ.
މަރުކަޒީ ބޭންކުގެ އަމާޒަކީ މިހާރު ޓީޓީ ހެދުމަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ފުޅާކޮށް ކުރިއަށް އޮތް ތަނުގައި 50 އިންސައްތައާ ހަމައަށް އެހީތެރިކަން ފުޅާކުރުމެވެ.
އެމްއެމްއޭއިން ބުނެފައިވަނީ ބޭރު ފައިސާގެ ސިޔާސަތަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެސްފައިވާއިރު، އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކާ އެކުވުމުން އެ ސިޔާސަތުތަކުގެ ހެޔޮ އަސަރު ކުރިއަށް އޮތްތަނުގައި ފެންނަމުންދާނެއެވެ.