ENGLISH
20 ޖުލައި 2025
ފްލެޓު ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރަން ފަށައިފި
19 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ، ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވަނީ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން، ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ޢިމާރާތްކޮށްފައިވާ 4000 ފްލެޓުން، ފްލެޓު ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު، އެ ކުންފުންޏާ ހިއްސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިކަން ހާމަކޮށް، އެ ވުޒާރާއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާއެކު، ފްލެޓު ޙަވާލުކުރުމުގެ އެއްވަސްވުމުގައި ސޮއިކުރުމާއި، އެ ފަރާތްތަކަށް ފްލެޓު ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ފަރާތްތަކުގެ މައުލޫމާތު، އެފްޑީސީއާ ޙިއްސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ، ފްލެޓުތައް ޙަވާލުކުރުމުގެ ކަންކަމުގައި އިސްކަންދޭނީ، މަސައްކަތް އެއްކޮށް ނިމި، ޙަވާލުކުރަން ތައްޔާރުވެފައިވާ ޓަވަރުތަކަށް ކަމަށެވެ. އަދި، ފްލެޓުތައް ޙަވާލުކުރުމުގެ ހުރިހާ ކަމެއްވެސް ކުރާނީ އެފްޑީސީން، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ޕޯޓަލް މެދުވެރިކޮށް ނޫން ގޮތްގޮތަށް، ވުޒާރާގެ އިތުރުން އެފްޑީސީންވެސް އެއްވެސް މުޢާމަލާތެއް ނުކުރާނެ ކަމަށް، އެ ވުޒާރާއިން ބުނެފައިވެއެވެ.
ވުޒާރާއިން މިފަދައިން ބުނެފައިވާ އިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނުކަމަށް ބުނެ، އެސްއެމްއެސް އާއި ފޯނު ކޯލު މެދުވެރިކޮށް ފައިސާ ހޯދުމުގެ ސްކޭމްތައް ނުހުއްޓި ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މިކަމަށް ސަމާލުވުމަށް، ކަމާބެހޭފަރާތްތަކުން އަބަދުވެސް އިރުޝާދު ދެއްވައެވެ.