ENGLISH
19 ޖުލައި 2025
ވޭމަންޑޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފި
19 ޖުލައި 2025
|
ވޭމަންޑޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުން. ފޮޓޯ: ޑީއެންއާރު
އަސާސީ ގިނަ ކަންކަމާއި ގުޅިފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ތ. ވޭމަންޑޫގައި ފަށައިފިއެވެ.
ޑިޕަރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނީ ވޭމަންޑޫގައި ފެށި އެ ޚިދުމަތާއެކު، އެރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މިހާރު އައިޑީ ކާޑުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ މުޅި ރާއްޖޭގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް އަވަސް މުއްދަތެއްގައި ފެށުމެވެ. ރައްޔިތުންނާއި ގާތުން އެ ޚިދުމަތް ދިނުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ ނޮވެމްބަރު މަހެވެ. އޭގެފަހުން މިހާތަނަށް 27 ރަށަކުން މިހާރު ޚިދުމަތް ލިބޭގޮތް ވަނީ ހަދައިފައެވެ. އޭގެތެރޭގައި ގިނަ އަތޮޅުތައް ހިމެނެއެވެ.
ވޭމަންޑޫގައި އެ ޚިދުމަތް ފެށިއިރު، ޖުލައި މަހުގެ 3 ވަނަ ދުވަހު ޑީއެންއާރުން ވަނީ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫގައި ވެސް އެ ޚިދުމަތް ފަށައުފައެވެ. މިދިޔަ މަހުގެ ފަހުކޮޅު ޑީއެންއާރުން އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށީ ހއ. ހޯރަފުށީގައެވެ.
އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތުގެ އިތުރުން، ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން އަތޮޅުތަކާއި، ދިވެހިން އެންމެ ގިނައިން ދިރިއުޅޭ މެލޭޝިއާގައި ވެސް އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް މިއަހަރު ވަނީ ފަށައިފައެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށްފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނަށް ބަދަލުކުރީ 11 ނޮވެމްބަރު 1993 ގައެވެ.