ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

އޮޅުވާނުލެވޭނެ ޙަޤީޤަތެއް: އެހެން އެއްވެސް ސަރުކާރަކުން ސަމާލުކަން ނުދޭ މިންވަރަށް ނަފްސާނީ ޞިއްޙަތަށް މި ސަރުކާރުން ސަމާލުކަންދޭ

19 ޖުލައި 2025

|

އިސްމާއީލް ރާތިއު

ސިއްހަތު ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެންނެވެ. ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން ހިސާބުން، ކުރިން ހުއްޓިފައި ހުރި އެތައް މަސައްކަތެއް ބާރު ދުވެލީގައި ކުރިއަށް ހިނގައިގެންފިކަމީ އޮޅުވާލެވެން ނެތް، ޙަޤީޤަތެކެވެ. ދިވެހިރާއްޖޭގައި ކިތަންމެ އުސް ޢިމާރާތްތަކެއް ބިނާކޮށް، އެއަށް "ތަރައްޤީ" ގެ ނަމުން ނަންދީފައި ވީނަމަވެސް، ދާދި މިދާކަށް ދުވަހާއި ހަމައަށްވެސް ނަފްސާނީ ޞިއްޙަތު، ނުވަތަ މެންޓަލް ހެލްތުގެ ވާހަކައަކީ ދިވެހީންނަށް އޭގެ ވާހަކަ ފާޅުގައި ދައްކަން ނުކެރޭ، ޓެބޫ އެކެވެ. ކިރިޔާވެސް ނަފްސާނީ ބަލިކަމެއް ހުރިކަމަށް ފާހަގަވެއްޖެނަމަ އަވަސްވެގަންނަނީ އޭނާއަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ބަދަލުގައި، އޭނާއަކީ އީމާންތެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ނެތް މީހެއް ކަމަށް ދައްކާށެވެ.

ތެދެކެވެ. ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، އައޖީއެމްއެޗް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކާބެހޭ ޤައުމީ މަރުކަޒެވެ ކިޔާފައި ތަނެއް ހުޅުވިއެވެ. ނަމަވެސް މި ތަން ވެގެންދިޔައީ ލިބުނު ފަސޭހައަކަށްވުރެ ބޮޑަށް، މުސީބާތަކަށެވެ. ހަމައެކަނި ކޮންސަލްޓޭޝަނެއް ހަދާލަންވެސް އެތައް ބަޔަކު، ތިން މަސް ނުވަތަ ހަތަރުމަސް ވަންދެންވެސް މަޑުކުރަން ޖެހުނެވެ. މި ދައްކަނީ އިނގިލި ކަނޑައިގެން ގޮސްގެން އަމިއްލައަށް އަޅާލެވޭނެ މަލަންކޮޅެއް އަޅާލަން ހޮސްޕިޓަލަށް ގޮސްގެން، ޚިދުމަތް ލަސްވެގެން ރުޅިގަދަވި ވާހަކައެއް ނޫނެވެ. ކޮންމެ ސިކުންތެއްވެސް ރަނުން ކިރާލެވޭހައި އަގުބޮޑު ޙާލަތަށް ގޮސްފައި ތިބި ބައެއް، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ހޯދަން އެހާ ގިނަ ދުވަހު މަޑުކުރަން ޖެއްސުމަކީ އެމީހުންނަށް ދެވޭ އިތުރު އަނިޔާއެއް، ނޫންތޯއެވެ؟

މިހާރުގެ ރައީސް، ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތީވެސް މިކަމަށް ޙައްލެއް ހޯދައިދެއްވާނެ ކަމުގެ ވަޢުދުފުޅާއެކުއެވެ. ވެރިކަން ލިބިވަޑައިގަތުމާއެކު، ލަސްނުކުރައްވާ، މެދުކެނޑުމެއް ނެތި 24 ގަޑިއިރު ނަފްސާނީ ޙާލަތްތައް ތަޙައްމަލުކުރަން ޖެހިފައިވާ ފަރާތްތަކަށް އެހީ ހޯދޭނެ ހެލްޕްލައިނެއް ތަޢާރަފު ކުރެއްވިއެވެ. މި ހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހު ބޭއްވި "އަހާ" ފޯރަމްގައި، ޞިއްޙަތާބެހޭ ވަޒީރު، ޢަބްދުﷲ ނާޒިމް ވެސް ފާހަގަކުރެއްވި ފަދައިން، މި ޚިދުމަތް ވެގެން ދިޔައީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު އޭގެ ބޭނުންކުރި، ނުހަނު މަޤުބޫލު ޚިދުމަތަކަށެވެ.

ތަސްވީރު ކިޔައިދޭ އިތުރު ވާހަކައަކަށް ބަލާލަމާތޯއެވެ. މީގެ ކުރިން އެއްވެސް ސަރުކާރަކުން އެކަމަށް ސަމާލުކަން ނުދޭވަރަށް، މި ސަރުކާރުން، ދިވެހީންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ސަމާލުކަންދޭކަމުގެ އެންމެ އަލިގަދަ ހެއްކަކީ، ސަރުކާރުގެ ހުރިހާ ވެރީންވެސް ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ކެނޑިނޭޅި ދެއްވަމުންދާ އިރުޝާދުތަކެވެ. އެހެންކަމުން، މިކަން ޓެބޫއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިސް، ފާޅުގައި ނަފްސާނީ އެހީތެރިކަން ހޯދާ މީހުންގެ ޢަދަދު، ދުވަހަކަށްވުރެ ދުވަހަކު އަންނަނީ އިތުރުވަމުންނެވެ.

އެންމެ ފުރަތަމަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބަލާލަމާތޯއެވެ. ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ އިތުރުން، ދުނިޔޭގެ ޞިއްޙަތުގެ ދުވަހާއި ގުޅިގެން ކުރެއްވި ޕޯސްޓު ތަކުގައިވެސް، އެ މަނިކުފާނު ވަނީ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ބާރުއަޅުއްވާފައެވެ. އެ ގޮތުން، ދުނިޔޭގެ ޞިއްޙަތުގެ ދުވަހު އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙަތަށް ފައިދާވާ ކާނާ ކެއުމަށާއި ދިރިއުޅުމުގައި ހަރަކާތްތެރިވުމާއި ނަފްސާނީ ގޮތުން ދުޅަހެޔޮވުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ. މިއާއި ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަންކަމުން ދުރުހެލިވުމަށްވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ޙައްޤެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލް-އުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ކުރު، ނަމަވެސް މާނަ ފުން މެސެޖެކެވެ. މި ސަރުކާރުން، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ކަމުގެ އިތުރު ފެހި ސިގުނަލެކެވެ.

ޞިއްޙަތުގެ ވާހަކަ ދައްކާއިރު، ޞިއްޙަތާބެހޭ ވަޒީރުގެ ބަސްފުޅެއްވެސް އޮތުން މުހިންމެވެ. ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް، ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހު ދެއްވި ޚިޠާބުގައި ވަނީ، ދުނިޔޭގެ ނިސްބަތުގައި ކޮންމެ 8 މީހަކުން އެކަކީ ނަފުސާނީ އުނދަގޫ ތަކެއް ތަޙައްމަލުކުރަމުންދާ މީހެއްކަން ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ފާހަގަކޮށްފައިވާކަމަށް ވިދާޅުވެ، ނަފްސާނީ ޞިއްޙަތަށް ފުޅާދާއިރާއެއްގައި އިންވެސްޓުކޮށް، ނަފްސާނީ ޞިއްޙަތުގެ ރަނގަޅު ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ. މި ޚިޠާބުގައި ވަޒީރު އިތުރަށް ވިދާޅުވީ، ފުރިހަމަ ޞިއްޙަތެއްގައިވުން މާނަ ކުރެވެނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެމީހަކު ހެޔޮ ޙާލުގައިވުމަށް ކަމަށެވެ. އެގޮތުން ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން، "ޞިއްޙަތު" މާނަ ކޮށްފައިވަނީވެސް ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ހިމެނޭގޮތަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، މި ޚިޠާބުގައި، ކޮންމެ ފަރުދަކީ، އަދި ކޮންމެ މުއައްސަސާއަކީ އެކަކު އަނެކަކުގެ ނަފްސާނީ ޞިއްޙަތަށް އަޅާލާ އެކަމަށް ހޭލުންތެރިވެފައިވާ ބަޔަކު ކަމުގައިވުމަށް ބާރުއެޅުމަށް ވަޒީރު އިލްތިމާސްކުރައްވާފައި ވެއެވެ.

އާނއެކެވެ. ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެންނެވެ. ތަސްވީރު ބުނަނީ، ނަފްސާނީ ދުޅަހެޔޮކަން ވަށައިގެން ރާއްޖޭގައި އޮތް ޓެބޫ ނެތެމުންދާ ވާހަކައެވެ. ތަސްވީރު ބުނަނީ، އެހެން އެއްވެސް ސަރުކާރަކުން، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކޮށްނުދޭ ވަރަށް، މި ސަރުކާރުން އެކަމަށް މަސައްކަތްކޮށްދޭ ވާހަކައެވެ. ތަސްވީރު ބުނަނީ، ކުރިން މަސައްކަތް ނުކުރާ ވަރަށް، ވެރިންނާއި އެއް ވާނެއްގައި ރައްޔިތުންވެސް، އެކަކު އަނެކެއްގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު