ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

އެޗްޑީސީގެ ކަސްޓަމަރުންގެ ކްރެޑިޓާ ބެހޭ މަޢުލޫމާތު އެމްއެމްއޭގެ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި ޢާއްމުކޮށްފި

18 ޖުލައި 2025

|

މުޙައްމަދު އަދުހަމް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ޤާއިމުކޮށްފައިވާ، ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި އެ ކުންފުނީގެ ކަސްޓަމަރުންގެ ކްރެޑިޓާ ބެހޭ މަޢުލޫމާތު ޢާއްމުކޮށްފިއެވެ.

އެގޮތުން، އެޗްޑީސީ އިން ވަނީ، މި އަހަރުގެ މާރިޗް މަހުން ފެށިގެން މިހާތަނަށް އެ ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންގެ ކްރެޑިޓާ ބެހޭ މަޢުލޫމާތު "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގެ ޤަވާއިދު" (ޤަވާއިދު ނަންބަރު: 120-2022/R ) އާ އެއްގޮތްވާގޮތުގެ މަތީން އެމްއެމްއޭގެ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި އަޕްޑޭޓްކުރެވެމުންދާ ކަމަށް ބުނެފައެވެ.

އެޗްޑީސީ އިން ބުނީ، މިއީ އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށާއި، މާލީ ޤާބިލުކަން އިތުރުކޮށް، ޢާއްމު ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަޅާފައިވާ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މި ބަދަލާއެކު، އެ ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންނަށް އެއްވެސް އެހެން މާލީ އިދާރާއަކުން ކްރެޑިޓެއް ދޫކުރުމުގެ ކުރީން، ނުވަތަ ރީސްޓްރަކްޗަރ ކުރުމުގެ ކުރީން، ނުވަތަ އާކުރުމުގެ ކުރީން، ނުވަތަ އިތުރުކޮށްދިނުމުގެ ކުރިން، ސިސްޓަމްގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މާލީ އިދާރާތަކުން އެ ފަރާތްތަކުގެ ކްރެޑިޓް އިވެލުއޭޓް ކުރަމުން ގެންދާނެ ކަމަށެވެ.

އެހެންކަމުން، އެޗްޑީސީ އަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުން އެ ކަމަށް ސަމާލުވެ، ޤަވާއިދުން ފައިސާ ދައްކަމުން ގެންދިއުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކޮށް، މިފަދަ ކަންކަމުގެ ސަބަބުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށާއި، ހާމަކަން ބޮޑު އަދި ދެފުށް ފެންނަ ގޮތަކަށް އެންމެހާ ކަންކަން ބައްޓަންކުރުމުގައި ނުހަނު ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށް ބުނެފައިވެއެވެ. އަދި، މިފަދަ ކަންކަމުގައި އެންމެހާ ކަސްޓަމަރުން، ޢާއްމު ރައްޔިތުންނާއި ވިޔަފާރިތައް ހިމެނޭހެން މިހާތަނަށް ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު