ENGLISH

26 ނޮވެމްބަރު 2024

ޒަކާތު ފަންޑުން ބޭސްފަރުވާއަށް މިއަހަރު 1000 އަށްވުރެ ގިނަ މީހުންނަށް އެހީވެއްޖެ

21 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ޒަކާތު ފަންޑުން އެހީ ހޯދުމަށް އައި މީހަކަށް ޚިދުމަތް ދެނީ.

ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް މި އަހަރުގެ މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންނަށް އެހީ ހަމަޖައްސައިދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، 2019 އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާގެ ކަންކަމަށް 8،000 މީހުންނަށް އެހީ ފޯރުކޮށްދީފައިވެއެވެ. މި މުއްދަތުގައި އެންމެ ގިނައިން އެހީ ފޯރުކޮށްދީފައިވަނީ 2023 ވަނަ އަހަރު ކަމަށާއި، އެ އަހަރު 2،379 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ޒަކާތު ފަންޑުން ކޮންމެ އަހަރަކު ވެސް ބޭސްފަރުވާގެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދެނީ ކެންސަރު ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށެވެ. މީގެ އިތުރުން، މި އަހަރު ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ހެދުމަށްޓަކައި 10 މިލިޔަން ރުފިޔާ އެންސްޕާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، 2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހާ ހަމައަށް، ޒަކާތު ފަންޑުން ބޭސްފަރުވާއަށް ޖުމްލަ 84.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި މިއަހަރުގެ ނޮވެންބަރު މަހާ ހަމައަށް 1،017 މީހަކަށް 9.1 މިލިޔަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، މުދަލު ޒަކާތާއި ފިޠުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާގެ އަދަދު އިތުރުވަމުންދާކަން ވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 88.2 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ފިޠުރު ޒަކާތުގެ ގޮތުގައި 9.7 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު