ENGLISH
18 ޖުލައި 2025
ތާރީޚީ ކަމެއް؛ ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް "ފްރޮމް މޯލްޑިވްސް" އިފްތިތާޙް ކޮށްފި
18 ޖުލައި 2025
|
ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް "ފްރޮމް މޯލްޑިވްސް" އިފްތިތާޙް ކުރުން
ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް "ފްރޮމް މޯލްޑިވްސް" ރަސްމީކޮށް އިފްތިތާޙް ކޮށްފި އެވެ.
މި ބްރޭންޑް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ބްރޭންޑް އިފްތިތާޙު ކުރުން އޮތީ އިނގިރޭސިވިލާތުގެ ލަންޑަންގައި މިއަދު ހަވީރު ބޭއްވި "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް" ގަ އެވެ.
ސަރުކާރުން ބުނީ މިފަދަ ބްރޭންޑެއްގެ މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުން ކަމަށެވެ.
އައު ބްރޭންޑްގެ ލޯގޯ ފަރުމާކޮށްފައިވަނީ، ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ޤުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ގޮތަށެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖްތިމާޢީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާޢަތެއްކަމަށެވެ.
މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާނެ ކުރިއެރުމެއްކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާ އިން ބުނެ އެވެ.