ENGLISH
18 ޖުލައި 2025
އިނގިރޭސި ވިޔަފާރިވެރިންނަަށް ރައީސް ވިދާޅުވެދެއްވީ ރާއްޖޭގައި އިންވެސްޓުކުރަންވީ ސަބަބުތަކާައި ދާއިރާތައް
17 ޖުލައި 2025
|
ލަންޑަނުގައި އޮތް ބިޒްނަސް ފޯރަމުގައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ކުރިއަށްގެންދިޔަ ބިޒްނަސް ފޯރަމުގައި އެ ގައުމުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓުކުރަންވީ ސަބަބުތައް ވިދާޅުވެދެއްވުމާއެކު އިންވެސްޓުކުރަންވީ ސަބަބުތައް ވަރަށް ތަފުސީލުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެދެއްވައިފިއެވެ.
އެގޮތުން މައިގަނޑު ހަތަރު ދާއިރާއެއް އިންވެސްޓުކުރުމަށް ފަހި ދާއިރާތަކުގެ ގޮތުގައި ފާހަގަކުރައްވަމުން، އެ ދާއިރާތަކުން ހުރި ފުރުސަތުތަކުގެ ބައެއް ތަަފުސީލުތައް ރައީސް ހިއްސާކުރެއްވިއެވެ.
ކުރިމަގުގައި ރާއްޖޭގެ އިގުތިސާދީ ކުރިއެރުމުގައި ކްރިއޭޓިވް އިކޮނޮމީ ނުވަތަ އުފެއްދުންތެރިކަމުގެ އިގުތިސާދުގެ ހިއްސާ ވަރަށް ބޮޑުވާނެކަމަށް ގަބޫލުކުރައްވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ 2030 އާ ހަމައަށް އަންނައިރު ދިވެހި ގައުމީ އުފެއްދުންތެރިކަމުގެ %15 އަކީ އުފެއްދުންތެރި އިގުތިސާދުން ހިއްސާކުރާ މިންވަރުކަމަށް ހެއްދެވުން ކަމަަށެވެ.
އަދި ހުނަރުވެރި ޓެކްނޮލިޖީއާ ރަހުމަތްތެރި ޒުވާން އާބާދީއަކާއި ހަލުއިކަމާއެކު ތަރައްގީވަމުން އަންނަ ޑިޖިޓަލް ބިނާރާއެކު މިހާރު ސަރުކާރުން ބިނާކުރަމުންދަނީ ދިވެހި ހުނަރުވެރި ޒުވާނުންނާއި ބައިނަލްއަގުވާމީ އުފެއްދުންތެރިންނާ ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއްގެ ބިންގާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިނގިރޭސި އުފެއްދުންތެރި މުއައްސަސާތަކާއި ޑިޖިޓަލް ސްޓާޓްއަޕްތަކާއި މީޑިޔާ ކުންފުނިތަކުން ދިވެހި ޒުވާނުންނާ ގުޅިގެން އައު ޕްލެޓުފޯމުތަކަށް އިންވެސްޓުކުރުމަށާއި، ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތްތަކުގައި ބައިވެރިވުމަށް ރައީސް ދައުވަތު ދެއްވިއެވެ.
ދިވެހި ސަރުކާރުން ވެރިކަން ހިންގުމާއި، ހިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާ އެކުއެކީ ޑިޖިޓަލައިޒްކުރަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތުގެ ބޭނުމަކީ އާއްމު ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ފަހިކުރުމާއި، ސަރުކާރާ މުއާމަލާތްކުރުން ލުއިކޮށްދިނުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސްމާޓް ދައުލަތެއް އުފަންކޮށް ވިޔަފާރިތަކަށް ފަސޭހަކޮށްދީ އީޖާދުތަކަށް މަގުކޮށައިދެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި މަސައްކަތުގައި އިނގިރޭސި ޓެކް ކުންފުނިތަކާއި ސޮފްޓްވެއާ ފޯރުކޮށްދޭ ފަރާތްތަކާައި، އީ ގަވަނެންސްގެ މާހިރުންނާއި، ސައިބަސެކިއުރިޓީ ފާމްތަކަށް ޑިޖިޓަލް މުސްތަގުބަލެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މިއަދު އިއާދަކުރަނަވި ހަކަތައިން އުފައްދަނީ، ރާއްޖޭގައި އުފައްދާ ކަރަންޓުގެ އެންމެ %4 ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރަށްވާއިރަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ ތިންބައިކުޅަ އެއްބައި އިއާދަކުރަނަވި ހަކަތައިން އުފެއްދުން ކަމަށެވެ.
އެ އަމާޒަށް ވާސިލުވުމުގެ ގޮތުން މިހާރުވެސް 100 މެގަވޯޓުގެ ކަރަންޓު އުފައްދާނެ ފްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް ހާއްސަ އިގުތިސާދީ ސަރަހައްދެއް ހެދުމުގެ ހުއްދަ ދެއްވާފައިވާކަން ހާމަކުރައްވައި އެ މަޝްރޫއުން އެކަނިވެސް ތެޔޮ އިމްޕޯޓުކުރުމަށް ހޭދަކުރާ އެތައް މިލިއަން ޑޮލަރެއް ސަލާމަތްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސާފު ހަކަތައިގެ ދާއިރާގެ ތަޖުރިބާކާރު އިނގިރޭސި ކުންފުނިތަކަށް ޓެކްނޮލޮޖީގެ ގޮތުން، ނުވަތަ އިންޖިނިއަރިން ނުވަތަ ފައިސާގެ ގޮތުން ނުވަތަ އެޑްވައިސް ދިނުމުގެ ގޮތުންވިޔަސް މި ދާއިރާއަކީ ފުރުސަތުތައް ގިނަ، ދިގު ރާސްތާގައި އަސަރު ބޮޑު ދާއިރާއެއްގެ ގޮތުގައި ފެންނާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ލަންޑަނުގައި އޮތް ބިޒްނަސް ފޯރަމުގައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިގުތިސާދުގެ އަދި ތަރިކައިގެ އެއް ތަނބެވެ. އެ ދާއިރާ އަލުން ފަރުމާކުރެއްވުމަށް އުފެއްދުންތެރިކަމައި ސިންދަފާތުކުރުން ތައާރަފުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މެރިކަލްޗާއާއި ދެމެހެއްޓެނެވި އެކުއަކަލްޗާގެ މަޝްރޫއުތައް ހިންގަވަން ނިންމަވާފައިވާކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސް ޕްރޮސެސްކުރުމަށް އިންވެސްޓުކުރާ މިންވަރު އިތުރުކޮށް ދިވެހި މަސްވެރިކަމަށް އަގުއިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ފަަށާފައިވާ ކަމަށެވެ.
މަސް އާލާކުރާ ވަސީލަތްތަކާއި މަސް ޕްރޮސެސްކުރާ ޒަމާނީ މަރުކަޒުތަކާއި މަސް ބޮޑުކުރާ ފެސިލިޓީތައް ތަރައްގީކުރުމަށް ވިޔަފާރި އުސޫލުން މެރިކަލްޗާ ހިންގުމަށް ފަސް ސަރަހައްދެއް ސަރުކާރުން ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެކަމަށް ސަރުކާރުން ބޮޑެތި ފަޅުތަކާއި މަސައްކަތްކުރާނެ ބިން އެއާޕޯޓުތަކާއި އެކަށީގެންވާ އާބާދީތަކާ ގާތުން ދޫކުރާނެ ކަމުގައި ވިދާޅުވިއެވެ.
އަދި މި ފޯރަމުގައި ރާއްޖޭގެ މަސްވެރިކަމުގެ ބްރޭންޑު އިފުތިތާހުކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ މަތީ ފަންތީގެ ދެމެހެއްޓެނެވި ސީފުޑް ފޯރުކޮށްދިނުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ރަމްޒެއް ކަމަށެވެ.
މިދެންނެވި ހުރިހާ ފުރުސަަތުތަކކީ އިނގިރޭސި ކުންފުނިތަކަށް ވަންނަން ރަނގަޅު އުފެއްދުންތެރިކަމުން ހަކަތަ ލިބިގެން ކުރިއަރަމުން އަންނަ ދާއިރާއެއް ވުޖޫދުކުރާ ފުރުސަތުތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ފަތުރުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި އިގުތިސާދުގެ ނާރެހުގެ ގޮތުގައިކަމަށާއި، ނަމަވެސް ރާައްޖޭގެ ތަޖުރިބާތައް ސިންދަފާތުކުރަމުންދާކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ ލަގްޒަރީ ފަތުރުވެރިކަން ފަހަނައަޅައި، ދުޅަހެޔޮކަމާއި ކުޅިވަރާއި ކްރޫޒް އަދި ހަލާލު ފަތުރުވެރިކަމަށް ވަދެ އައު މާކެޓުތަކެއް ހުޅުވައިލުމަށް ރާއްޖެއިން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އޭގެ އިތުރަށް މި މަހު ފަހުކޮޅު ހުޅުވާ ވީއައިއޭގެ އައު ޓާމިނަލާއެކު ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އެތައް ގުނައެއް އިތުރުވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވައިގެ ހިދުމަތްތަކާއި ކާގޯ ހޭންޑްލިންއާއި ސަރަހައްދީ ވައިގެ ދަތުރުފަތުރަށް މި ޓާމިނަލާއެކު ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ރައީސް ސިފަކުރެއްވި ގޮތުގައި ރާއްޖެއަކީ ހަމައެކަނި ޓޫރިޒަމްގެ މަންޒިލެއް ނޫނެވެ. އެކަމަކު މިއީ އިންވެސްޓުކުރުމަށާއި އުފެއްދުންތެރިކަމަށް ފައްކާވެފައި އޮތް މަންސައެއް ކަމުުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ސަބަބުތަކުގެ ގޮތުގައި ފާހަގަކުރެއްވީ؛
ހ- ބޮޑު އިންގިލާބީ ބަދަލަކަށް އަމާޒުކޮށްފައިވާ ސާފު ތަސައްވުރާއި، ސިޔާސީ ހަމަޖެހުން
ށ- އިތުރުވަމުންދާ ހުނަރުވެރި ޒުވާން އާބާދީއާއި އެ އާބާދީގެ މަތިވަމުންދާ އުންމީދުތައް
ނ- ރާއްޖޭގައި ގާއިމުވެފައިވާ އިންވެސްޓުމެންޓަށް ފަހި ޒަަމާނީ މާހައުލު
އެގޮތުން ރައީސް ފާހަގަކުރެއްވީ 45 އަހަރުވީ އިންވެސްޓުމެންޓު ގާނޫނުގެ ބަދަލުގައި ފާއިތުވި އަހަރު މުޅިން އައު އިންވެސްޓުމެންޓު ގާނޫނަކަށް އަމަލުކުރަން ފަށާފައިވާ ކަމެވެ. އެ ގާނޫނުން އިންވެސްޓަރުންނަށް ދޭ ހިމާޔަތް އިތުރަށް ވަރުގަދަކޮށް، ފަސޭހައިން ހުއްދަތައް ލިބޭނެ ގޮތް ހަދައި، ރެގިއުލޭޓުކުރުމުގެ އުސޫލުތައް ސާފުކޮށްދީފައިވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ގާނޫނުގެ ސަބަބުން ރާއްޖޭގެ ވިޔަފާރީގެ އުސޫލުތައް ބައިނަލްއަގުވާމީ އެންމެ ރަނގަޅު މިންގަނޑަށް ފެތިފައިވާ ކަމަށެވެ.